އިދިކޮޅު ފަރާތްތަކުން ކީހާޅެން ފަރިއްސަށް ވީމައި، މިހާރު އެފަރާތްތަކުން ބަލަނީ އައު ޅެމެއް ހެދޭތޯ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ހައްޔަރު ކުރެވުނު ބައެއް ފަރާތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރެވުނު ހުރިހާ ފަރާތްތަށް ދޫކޮށްލަން ސަރުކާރުން ބޭރުގެ ފަރާތްތަކުގައި އެއްބަސްވެފައިވާކަމަށް ސޯޝަލް މީޑީއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ސުވާލު ދެންނެވުމުން އަދުރޭ ވިދާޅުވީ، އެފަދަ އެއްބަސްވުމެއް ވެފައި އޮތުވެދާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ ކަމަށެވެ.

"ސަރުކާރު ހިންގާ މައި ޕާޓީގެ ހައިސިއްޔަތުން ޤަބޫލުކުރާ ވާހަކައެއް ނޫން އެއީ. އެފަދަ އެއްބަސްވުމެއް ވެފައި އޮތުވެދާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ." އަދުރޭ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ކީހާޅެން ފަރިއްސަށް ވީމަ މިހާރު އެ އުޅެނީ އަނެއްކާވެސް އިތުރު ޅެމެއް ހެދޭތޯ ނޫނީ ފަރިއްސެއް ކިޔޭތޯ" ކަމަށާއި، އެ އެއްޗެހި ދެން ދިވެހިރާއްޖޭގައި ނުހިނގާނެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުޅެނީ ދައްކާނެ ނުދައްކާނެ ވާހަކައެއް، އަދި ކުރާނެ ނުކުރާނެ ކަމެއްވެސް ނޭނގިގެން ކަމަށާއި، މި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބަލަނީ، އާންމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ ތެރޭގައި ކޮންމެވެސް ކަހަލަ ކަންބޮޑުވުމެއް އުފެދޭ ގޮތައް ވާހަކަތައް ފެތުރުމަށް ކަމަށާއި، އެއްވެސް ކަމެއްގެ ހަޤީގަތް އޮންނަ ގޮތައް އޮޅުން ފިލުވައިދޭން އެ ފަރާތްތަކުން ބޭނުން ނުވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.