އދ. ކުނބުރުދޫގައި ބުޅަލެއް އޮޕަރޭޝަން ކޮށްފައިވަނީ އެ ބުޅަލުގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކަމަށް، އެރަށު ކައުންސިލްގެ ރައީސް، އަޙުމަދު ނަޞީމް ވިދާޅުވެއްޖެ އެވެ.

އެ އަތޮޅު މަހިބަނދޫއިން ޑޮކްޓަރަކު ގެނެސް، ކުނބުރުދޫގައި އޮތް ބުޅަލެއް ސީޒޭރިއަން ހެދި ހަބަރާއި އެކު، އެކަން ހިނގާފައިވާ ގޮތެއް ސާފުކުުރުމަށްފަހު، އެކަމުގެ މަޢުލޫމާތު "ވަގުތު" އާއި ޙިއްޞާކުރައްވަމުން، ކުނބުރުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އެއީ އެއްގޮތަކަށްވެސް އެ ބުޅަކަށް އަނިޔާއެއް ދިނުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށާއި، އެއީ އެ ބުޅަލުގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"މިރަށު ޑޮކްޓަރު ގެންގުޅޭ ބުޅަލެއް އެއީ. އޭތި ބަނޑުބޮޑުވެގެން ދާދިފަހުން ވިހެއީ. ޖުމްލަ 3 ބުޅާ ބަނޑުގަ އޮތް. ނަމަވެސް ވިހެއީ 2 ބުޅާ. އަނެއް ބުޅާ އޭތީގެ ބަނޑުގަ އޮތް ކަމެއް އެމީހުންނަކަށް ނޭނގެ. ދެން އެ ބުޅާ ވަރަށް ގަދައަށް ހުން އަންނަން ފެށީ. ދެން ބަނޑުގަ ހަރު އެއްޗެއް އޮވެގެން އިތުރަށް ބެލި އިރު އެނގުނީ އިތުރު ބުޅަލެއްވެސް ބަނޑުގައި އޮތް ކަން. ދެން އެ ބުޅާ ގެންގުޅޭ ޑޮކްޓަރު ގުޅީ، އެފަދަ ތަކެއްޗަށް ފަރުވާ ދީ އުޅޭ ޚާއްޞަ ޑޮކްޓަރަކަށް. ގުޅައިގެން ފުރިހަމަ މަޢުލޫމާތު އެކަމުގަ ހޯދުމަށްފަހު އެކަން ކުރީ. އެއްގޮތަކަށްވެސް އެއީ އަނިޔާ ކުރުމުގެ ގޮތުން ނުވަތަ އެހެން ބޭނުމެއްގަ ކުރި ކަމެއް ނޫން. އޭތި މަރުވެގެންދާތަން ބަލަން ކެތް ނުވީކަމަށް ޑޮކްޓަރު ބުނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، އެރަށު ހެލްތް ސެންޓަރ ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ވިދާޅުވީ، އެއީ އެއްވެސް ވަރަކަށް ހެލްތް ސެންޓަރުގެ ބައިވެރިވުން އެކަމުގައި އޮވެގެން ހިނގި ކަމެއް ނޫން ކަމަށާއި، އެރަށު ޑޮކްޓަރު ބުޅަލެއް ގެންގުޅޭކަން އެނގޭ ކަމަށެވެ.

"އަޅުގަނޑަށްވެސް އެނގޭ އޭނާ ބުޅަލެއް ގެންގުޅޭކަން. ނަމަވެސް ރަސްމީކޮށް، މިތަނުގެ (ހެލްތް ސެންޓަރ) ބައިވެރިވުން އޮވެގެން ހިނގި ކަމެއް ނޫން އެއީ." އޭނާ ވިދާޅުވިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިޒޭރިއަން ހެދި ބުޅަލުގެ ހާލު ރަނގަޅެވެ.