ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން ސެކެޓްރީ، ވިޖޭ ގޯކާލޭއާ ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ފޮރިން ސެކެޓްރީއާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅަކީ އިންޑިއާ - ރާއްޖެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއްގައި (ޖޭސީއެމް) ބައިވެރިވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ފޮރިން ސެކެޓްރީއާ ޝާހިދު ބައްދަލު ކުރެއްވީ ދެއްވި ދައުވަތަކަށެވެ. އެ ބައްދަލުވުމުގައި ޝާހިދު ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ މަޝްރޫއުތަކަށް އަމަލީ ސިފަ ޖެއްސެވެމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑިއާ - ރާއްޖެ ޖޮއިންޓް ކޮމިޝަން އުފައްދާފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގޮތުންނާއި، ޓެކްނިކަލް ގޮތުން ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި، 1986 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ ފަހުން ޖޭސީއެމްގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ޝަހިދުގެ އިތުރުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ބައެއް ކަންކަމާ ގުޅޭ އޭޖެންސީތަކުގެ ބޭފުޅުންވެސް ރާއްޖޭގެ ވަފްދުގައި ހިމެނޭ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި އަހަރަކީ އެ ކޮމިޝަނުގެ ބައްދަލުވުން އޮންނަ 6 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައީދު

    އިންޑިއާއަށް ނޭރިތިބި ދިވެހިންގެ ވާހަކަދައްކާނެކަމަށް ހީކުރަން

  2. ކާޅުކެއަސް ސޮއްނުގޮވާ

    އަޅެފަހެ ޢަޖާބެއް ނުވޭތާ. ރައްޔިތުންގެ ބައިތިލް މާލު ދޮވެ ހުސްކުރަނީ ބިންމަތީ މަޑުކޮށްލައިގެން ހުރީމާ ދެފައި ހިރުވާތީތޯ. އަހަރެއް ވެގެންދިޔައީ ޖައްވުން ބޭރުގައި ނޫނީ ނިދޭކަމަކަށް ނުވޭ??

  3. ލަރަ

    ކާޕެޓް ވަގު ގެ މައްސަލަ ބެލޭނެ މުއަސަސާ އެއް ނެތް ދޯ.