ރަޝިއާ އާއި ރާއްޖެއާއ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހމް މުހައްމަދު ސޯލިހް އާއި، ރަޝިއާ އިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު، ޔޫރީ މަޓެރީ މަޝްވަރާކޮށްފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސާލިހާއި ސަފީރު ޔޫރީ މަޓެރީ، ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ފަތުރުވެރިކަމާއި ތަޢުލީމާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގެ ތެރެއިން ރައީސް ވަނީ ރާއްޖެއާއި ރަޝިޔާގެ ރައްޔިތުންގެ މެދުގައި އޮތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ދެޤައުމުގެ ރައްޔިތުންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ވެވުނު އެއްބަސްވުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަޝިޔާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކައި ރަޝިޔާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަޝިޔާ ސަފީރު ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.