3 ދާއިރާ އަކުން ފަންނުވެރިން ހިމަނަގައިގެން "ފަންނީ ޕެނަލް" އެކުލަވާލުމަށް ހެލްތް މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.

ފަންނީ ޕެނަލް އެކުލަވާލުމަށް ހަމަޖެހިފައިވަނީ، ސައިކޮލޮޖީ، ކައުންސެލިންގް އަދި މެޑިކަލް ލެބޯޓަރީގެ ދާއިރާ އިންނެވެ.

މިޕެނަލް ތަކަކީ މިދާއިރާގެ ފަންނުވެރިންނާއި، ފަންނުވެރިންނާއި ގުޅުންހުރި މިންގަނޑުތައް ކަނޑައެޅުމުގައި މި ކައުންސިލްއަށް ލަފާދިނުމަށް އެކުލަވާލެވޭ ޕެނަލްތަކެކެވެ.

ސައިކޮލޮޖީ އަދި ކައުންސެލިން ގެ ދާއިރާއިން، ކޮންމެ ދާއިރާ އަކުން 3 މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސައިކޮލޮޖީ ދާއިރާއިން އެ ޕެނަލްގައި މަސައްކަތް ކުުރުމަށް ޝައުޤުވެރިވާ ކޮންމެ މީހަކުވެސް، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ސައިކޮލޮޖީ ދާއިރާއިން ރަޖިސްޓްރީވެފައި ވާން ޖެހޭނެ ކަމަށާއި، ސައިކޮލޮޖީ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަންވާނެ ކަމަށް އެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

ކައުންސެލިން ގެ ދާއިރާއިން، އެކުލަވާލާ ޕެނެލްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތެއް ނަމަ، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ކައުންސެލިންގް ދާއިރާއިން ރަޖިސްޓްރީވެފައި ވާން ޖެހޭނެ ކަމަށާއި، ކައުންސެލިންގް ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، އެދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަންވާނެ ކަމަށް އެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، މެޑިކަލް ލެބޯޓްރީގެ ދާއިރާއިން 5 މީހުން ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި މެޑިކަލް ލެބޯޓަރީ ދާއިރާއިން ރަޖިސްޓްރީވެފައިވާ، އަދި މެޑިކަލް ލެބޯޓަރީ ދާއިރާއިން ދަށްވެގެން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، އެދާއިރާއިން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކޮންމެ މީހަކަށްވެސް މި ޕެނަލްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް އެ އިޢުލާންގައި ބުނެފައިވެއެވެ.

މި ޕެނަލްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހެލްތް މިނިސްޓްރީ އަށް ހުށަހެޅުމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.