ބިދޭސީ މީހެއްގެ އަތުން 500 ރުފިޔާ ފޭރިގަތް ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ބިދޭސީ މީހާގެ އަތުން 500 ރުފިޔާ ފޭރިގަނެފައި ވަނީ ބޮޑުތަކުރުފާނު މަގުން ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު ފުލުހުން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

އެގޮތުން އެ މީހާ ހައްޔަރުކޮށްފައި ވަނީ ފިޔައިތޮށި މަގުން ކަމަށާއި، ފުލުހުން ފެނުމާއި އެކު ފޭރިގަތް ކަމަށް ބެލެވޭ 500 ރުފިޔާ ބިންމައްޗަށް ވައްޓާލައިފައި ފިލުމަށް އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވަމުން ދާއިރު އެފަދަ ކަންކަން ކުރުމުގައި އިސްކޮށް ޒުވާނުން ހަރަކާތްތެރިވަމުން ދާކަމަށް، ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުން ފެންނަން އެބަހުއްޓެވެ.

ފުލުހުން ވިދާޅުވީ ކުރިއަށް ވުރެ މާލެ ސިޓީގައި ވައްކަމުގެ މައްސަލަތައް ހުށަހަޅަމުންދާ މިންވަރު އިތުރުވެފައިވާކަމަށާއި، ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަށްޓަކާ އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. އަދި ރައްޔިތުންވެސް މުދަލާއި އަގުހުރި ތަކެތި އަދި، މަގުމަތީގައި އަދި ގޭގައި ފައިސާ ގެންގުޅުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.