ކުރިއަށް އޮތް ލޯކަލް ކައިންސިލް އިންތިހާބުގައި ޕީޕީއެމް ގެ ޓިކެޓުގައި ވާދަކުރައްވާ މެމްބަރުންގެ މެދުގައި އޮންނަ ޕްރައިމަރީ، އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިާކަން އެ ޕާޓީން އިޢުލާންކޮށްފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގެ ތައްޔާރީތައް ވުމަށްޓަކައި، ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން މީޑިޔާ އަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންތިޙާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން މެމްބަރުން ވާދަކުރައްވަން ބޭނުންފުޅުވާ ޙާލަތުގައި، އެއިން ކޮންމެ ރަށެއްގައިވެސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގައި އެއްވެސް އިސްތިސްނާއެއް ނޯންނާނެ ކަމަށެވެ.

"ޕީޕީއެމް ޓިކެޓުގައި ކައުންސިލްތަކަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރަން މާދަމާ އަޅުގަނޑުމެން މި ފަށަނީ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރަކަށް ވާ ކޮންމެ ބޭފުޅަކަށް ޕްރައިމަރީގައި ވާދަކުރެވޭނެ. އަދި ޖެނުއަރީ 17 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރަކަށްވާ ކޮންމެ ބޭފުޅަކަށް ޕްރައިމަރީގައި ވޯޓު ދެއްވޭނެ." މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް، އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙަައްމަދު މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ޕީއެންސީގެ ފަރާތުން ވާދަަ ނުކުރާނެ ކަމަށާއި، ހުރިހާ ގޮނޑިއަކަށްވެސް ވާދަކުރާނީ، ޕީޕީއެމްގެ ފަރާތުން ކަމަށެވެ.

"ކުރިއަށް އޮތް އިންތިޚާބައި ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނީ ޕީޕީއެމްގެ ޓިކެޓުގަ. އެގޮތަށް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފަ. ހުރިހާ ދާއިރާ ތަކަށް އަޅުގަނޑުމެން ވާދަ ކުރާނަން." މުޢިއްޒު ވިދާޅުވިއެވެ.

މިއީ ޕީޕީއެމް ގެ ފަރާތުން، ވާދަކުރާ ހުރިހާ ގޮނޑިއެއްގައި ޕްރައިމަރީ ބޭއްވުމަށް އިޢުލާން ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޙާބުގައިވެސް ގިނަ ދާއިރާތަކެއްގެ ޓިކެޓް ދީފައިވަނީ ޕްރައިމަރީ ބޭއްވުމެއް ނެތިކަން ފާހަގަކޮށްލެވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުސަން

    ﷲއިރާދަކުރެއްވިއްޔާ ޕީޕީއެމް ތިކުރާމަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބުދެއްވާށި އާމީން

    4
    1