ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީ ރާއްޖޭގެ އިގްތިސާދީ މައި ނާރެހަކަށް ހަދައި، ވެރިރަށް މާލެ އަށް ރައްޔިތުން ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނައުން ކަމަށް ރާއްޖޭގެ އިގްތިސާދީ ވަޒީރު، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިގޮތަށް ވިދާޅުވެފައިވަނީ މިއަދު އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަހު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން ކުރުމާއި، ކޮންސްޓްރަކްޝަން ކޮންސަލްޓެންސީގެ މަސައްކަތް ސަރުކާރުން ދެ ކުންފުންޔަކާ ހަވާލުކުރެއްވުމަށް އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ އައްޑޫ، ރާއްޖޭގެ އިގްތިސާދީ މައި ހަބަކަށް ހެދުމުގެ ގޮތުން އިތުރު ތިން ޕްރޮޖެކްޓެއް މިއަންނަ އަހަރަށްވެސް ޕްލޭން ކުރެވިފައިވާ ކަމަށާއި، މީގެ އިތުރުންވެސް އައްޑޫގެ ތަރައްޤީ އާއި ގުޅިފައިވާ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އައްޑޫގައި ހިންގުމަށް ރާވާފައިވާ ކަމަށެވެ. މި މަޝްރޫޢުތައް ހިންގުމުގެ ބޭނުމަކީ ޒަމާނުއްސުރެން ފަށައިގެން ރައްޔިތުން މާލެ އަށް ބަރޯސާވާ ބަރޯސާވުން ނައްތާލެއްވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަނީ އައްޑޫ ސިޓީ އަކީ ވަރުގަދަ އިގްތިސާދީ ހަބަކަށް ހަދައި، މާލެ އަށް މި ބަރޯސާވާ ބަރޯސާވުން ނައްތާލުން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ދިވެހި ރާއްޖޭގައި ހަތަރު ސަރަޙައްދެއް، އިގްތިސާދީ ހަބްގެ ގޮތުގައި ތަރައްޤީކުރުމަކީ އޭނާ ހަވާލުވެގެން ހުރި ވުޒާރާގެ ޒިންމާއެއް ކަމަށާއި އެގޮތުން އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި ސަރަޙައްދަކީ ވެސް އައްޑޫ ސިޓީ ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ވަޒީރު، ފައްޔާޒު ވިދާޅުވީ 'އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް' ގެ ދަށުން މިއަދު ސޮއިކުރެވިގެން މިދިޔައީ އައްޑޫ ސިޓީގެ އިގްތިސާދީ ހަބަކަށް ހެދުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް މަޝްރޫޢުގައި ކަމަށެވެ.

އައްޑޫ ސިޓީގެ ރަށްރަށުގެ ކަރަންޓުގެ ނިޒާމް ހަރުދަނާ ކުރުމާއި، އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ ހައުސިން މަޝްރޫޢެއްގައިވެސް މިހާރު ސޮއިކޮށްފައިވާ ކަމަށާއި، އެ ކަންކަމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ފައްޔާޒް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.