ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ރައްޔިތުން ފުރިހަމައަށް ހޭލުންތެރިވެފައިވާ އިންތިޚާބަކަށް ހެދުމަށް، އިލެކްޝަންސް ކޮމިޝަނުގެ ޓީމުތަކެއް މިހިނގާ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަށާނެކަން އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުން ހޭލުންތެރިކުރުމަށް އަތޮޅުތަކަށްދާ ޓީމުތައް ތައްޔާރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ބައިވެރިކޮށްގެން ކުރިއަށްދާ ތަމްރީނު ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އެ ކޮމިޝަނުގެ ތީމުތައް މިމަހުގެ 24 ވަނަ ދުވަހު އަތޮޅުތަކަށް ފުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"މިމަހުގެ 24 އިން ފެށިގެން އަޅުގަނޑުމެންގެ ޓީމުތައް ކޮމިޝަނުގެ މެންބަރުންނާއެކު އަތޮޅު ތެރެއަށް ފުރާނެ، 25 އިން ފެށިގެން އަތޮޅު ތެރޭގައި ޓްރެއިނިންތައް ކުރިއަށްދާނެ" ހަތަރު ޓީމުގެ މަސައްކަތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތަކާ ގުޅޭގޮތުން އަކްރަމް ވިދާޅުވިއެވެ.

މުވައްޒަފުން ތަމްރީނު ކުރުމަށް އިލެކްޝަސް ކޮމިޝަނުގައި ކުރިއަށްދާ ތަމްތީނު ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ: އިލެކްޝަންސް

އަކްރަމް ވިދާޅުވީ ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ ޓްރެއިނިންގ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އާބާދީ ބޮޑު 5 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އަމާޒަކީ މި އިންތިޚާބުގެ ކުރިއަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް މި އިންތިޚާބަށް ހޭލުންތެރި ބަޔަކަށް ހެދުންކަމަށެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވަކިވަކިން ވޯޓުފޮށި ބަހައްޓައިގެން އިންތިޚާބުތައް ކުރިއަށް ގެންދާތީ ކޮންމެ އިންތިޙާބެއްގައިވެސް 4000 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާއިރު، އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންތިޚާބުގެ ވޯޓުލާ ދުވަހާ ކައިރިކޮށްފައިކަމަށްވެސް އީސީގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް އިންތިޚާބުގެ ކަންކަމަށް ހޭލުންތެރިކުރުމަށް މީޑިއާތަކަށް ބާއްވާ ޙާއްޞަ ޓްރެއިނިންގ ބްރޮޑްކާސްޓިން ކޮމިޝަނާ ގުޅިގެން އިރާދަކުރެއްވިއްޔާ މިއަހަރުވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި، އެހެން އަހަރުތަކާ ހިލާފަށް ވޯޓުލާ ދުވަހު ހަރަކާތްތެރިވާ އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށްވެސް ކޮންމެސް ވަރެއްގެ ޓްރެއިނިންގ އެއް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ޢާއްމުން ހޭލުންތެރިކުރުމުގެ ބޮޑު ޕްރޮގްރާމަކަށް އީސީގެ ޓީމިތައް އަތޮޅުތަކަށް ފުރާކަން ހާމަކުރެއްވިއިރު، ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ނ.ކެނދިކުޅަދޫ، ކުޑަފަރީ، މަނަދޫ، ވެލިދޫ، ވ.ކެޔޮދޫ، ފުލިދޫ، ފެލިދޫ، ޅ.ކުރެންދޫ، ހިންނަވަރު، ނައިފަރުއަދި މ.މުލީގެ އިތުރުން އެ އަތޮޅު މުލަކުގައި ޢައްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު