އަންނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކަން އިޢުލާންކޮށްފައިވަނީ، އަންނަ އަހަރުގެ ކައުންސިލް އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމާއި ގުޅޭގޮތުން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

"2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ކައުންސިލުން ވަނީ ނިންމާފަ. ޓިކެޓު ދިނުމުގައި ބެލޭނީ، މަދުވެގެން 100 އާ މެމްބަރުންގެ ފޯމު ހުށަހެޅުމާއި އެކު ޝަރުތު ފުރިހަމަވުން." ޑީއާރުޕީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ބުނެފައެވެ.

ޑީއާރުޕީގެ އިތުރުން، ސަރުކާރު އިދިކޮޅު ކޯލިޝަންގައި އޮތް ޕީޕީއެމް އިންވެސް ވަނީ އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

އެކަން އިޢުލާން ކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގެ ތައްޔާރީތައް ވުމަށްޓަކައި، ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން މީޑިޔާ އަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން، ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް، އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙަައްމަދު މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ޕީއެންސީގެ ފަރާތުން ވާދަަ ނުކުރާނެ ކަމަށާއި، ހުރިހާ ގޮނޑިއަކަށްވެސް ވާދަކުރާނީ، ޕީޕީއެމްގެ ފަރާތުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމް އިން އެކުލަވާލާފައިވާ ވަގުތީ ކޮމެޓީގައި، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބްދުﷲ ޚަލީލާއި، ގައްދޫ ދާއިރާގެ ކުރީގެ މެމްބަރ އަހުމަދު ޒާޙިރުވެސް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޅި

    މީ ވަރަށް މޮޅު ގޮތެއް މީގަ 1 ކަމެއް މަދުވޭ ކޮމްމެ ފޯމަކަށް 100 ގެ މަގުން ލާރިވެސް ދޭން ބުނަންޖެހޭ ކެމްޕެއިން އަށް 100 ފޯމް އަށް 10000 ރުފިޔާ 200 ފޯމް އަށް 20000 ރުފިޔާ މީރުން ވަރަށް ފުރިހަމަވީ ...

  2. ޟިޔަރު

    ދިޔާނާ މިފަހަރު ޓްރައި ކުރަންވާނެ.
    މިއީ ހޮވޭނެ ފަހަރަު.
    ކާށިދޫ ކައުންސިލަށް ދިޔާނާ