ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ފޮރިން މިނިސްޓަރު، ޑރ އެސް.ޖައިންޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައިވަނީ މިއަދު އެވެ. އެ ބައްދަލުވުމަށްފަހު ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތައް 18 ވަނަ ގަރުނުގެ ތެރޭގައި ދިޔަ ރާސްތާއަށް ދެން ދެވެން ނެތް ކަމަށާއި، ފޮރިން މިނިސްޓަރާ އެކު ބޭއްވުނު ބައްދަލުކުރެއްވުމަކީ ކާމިޔާބު ބައްދަލުކުރެއްވުމެއް ކަމަށެވެ.

ބައްދަލުވުމަށްފަހު އިންޑިއާގެ ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މަނިކުފާނު ދެކެވަޑައިގަންނަވަމުން ގެންދަވާ ތަސައްވުރާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާއާ މެދު ރައީސް ނަޝީދު ބާއްވާ ގާތް ގުޅުމާ ގުޅިގެން ނަޝީދަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންނަނީ އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންޑިއާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދާއި ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިޔާއަށް ކުރައްވަމުން މި ގެންދަވާ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ "ލޮކްސަބާ" އާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.