މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގަރ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ އިސްމާޢިލް ރަޝީދުގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ހުށަހެޅި 11 ހެކިންގެ ތެރެއިން 7 ހެއްކެއް އުނިކުރަން ޝަރީޢަތުގައި މިއަދު އެދިއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، އިސްމާޢިލް ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްމާޢިލް ރަޝީދުގެ ދިފާޢީ ވަކީލް، މަޢުމޫނު ޙަމީދު ވިދާޅުވީ، މި މައްސަލަ އިސްމާޢިލް ރަޝީދުގެ މައްޗަށް ޝާބިތު ކުރެވޭ ވަރަށް، ދަޢުލަތުން ހެކި ހުށަހަޅާފައިނުވާތީ، ދިފާޢުން ހުށަހަޅާފައިވާ، 7 ހެއްކެއް ހާޒިރުކުރުމަށް ބޭނުން ނުވާ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، މަޢުމޫނު ޙަމީދު ވިދާޅުވީ، 7 ހެއްކެއް ނުނެގުމަށް އެދުނު ނަމަވެސް، ބާކީ ތިބި 4 ހެކިން ހާޟިރުކުރުމަށް ބޭނުންވާ ކަމަށާއި، އެހެންކަމުން، އެމީހުންގެ ހާޟިރުކުރުމުގެ ޢަމުރެއް ކްރިމިނަލް ކޯޓުން ނެރެދެއްވުމަށް އެދޭ ކަމަށެވެ.

"ބާކީ ތިބި މީހުންނަކީ ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް، ފުލުހުންގެ ތަޙުޤީޤުން އެނގޭ މީހުން. މި މީހުންނަކީ އެމީހުންގެ ރުހުމުގައި މި ކޯޓަށް އަންނާނެ މީހުންނެއް ނޫން. އެހެންނަމަވެސް، މި މައްސަލައިގައި އިންސާފު ޤާއިމު ކުރުމަށް އެމީހުން ހާޟިރުކުރުމަކީ ކޮންމެހެން މުޙިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެހެންކަމުން، އެކަމަށް ޢަމުރެއް ނެރެދެއްވުން އެދެން." މަޢުމޫނު ޙަމީދު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ދަޢުލަތުން ވިދާޅުވީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 177 ވަނަ މާއްދާ ބުނާ ގޮތުން، ހެކިން ހާޟިރު ކުރުމަކީ ދިފާޢުން ކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ ޝަރީޢަތުން ކޮށްދެންޖެހޭ ކަމެއް ނޫން ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން، ތިން މީހެއްގެ ފަރާތުން ޖުމްލަ 25 ހެއްކެއް، ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. އެގޮތުން އިސްމާއިލް ރަޝީދުގެ ފަރާތުން 11 ހެއްކެއް، އަހްމަދު ޒިހާން ގެ ފަރާތުން 6 ހެއްކެއް އަދި ހައިޝަމް ރަޝީދުގެ ފަރާތުން 8 ހެއްކެއް ވަނީ ހުށަހަޅާފައެވެ.