އައްޑޫގައި ގާއިމްކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމުން އެތަނުގެ ޚިދުމަތްތައް އިރުއޮއްސި 06:00 ގެ ފަހުންވެސް ލިބެން ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ނަމުގައި މިއަދު ހުޅުވަން އޮތް ހޮސްޕިޓަލުގެ ޚިދުމަތްތައް އިރުއޮއްސި 06:00 ގެ ފަހުން ނުލިބޭނެ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ. ކުއްލި ގޮތަކަށް މިއަދު ހުޅުވަން ނިންމާފައިވާ ހޮސްޕިޓަލް ހުޅުވުން ވަނީ ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައެވެ. ނަމަވެސް ދެން އެ ހޮސްޕިޓަލް ހުޅުވާނީ ކޮން ދުވަހަކު ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ހޮސްޕިޓަލްގެ ބޮޑެތި ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ މިއަހަރުގެ ފެބްރުއަރީ މަހު ހޮސްޕިޓަލް ހުޅުވާށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އާސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ހޮސްޕިޓަލްގެ ހިދުމަތް ފަށާފައި ނުވާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މާލެ ސަރަހައްދުން ބޭރުގައި ސަރުކާރުން ތަރައްޤީ ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފައިވާ ކަން މިއަދު ހެލްތު މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އަދި ޕްލޭން ކުރެވިފައިވާ ގޮތަށް އެތަން ހުޅުވާނީ އޯޕީޑީ ޙިދުމަތާއި، ފިޒިއޯތެރަޕީ، ރޭޑިއޮލޮޖީ އަދި އިމާޖެންސީ ޚިދުމަތާއި އެކުގައި ކަމަށާއި އެއަށް ފަހު މަޑުމަޑުން ޙިދުމަތްތަށް އިތުރު ކުރަމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި މައުލުމާތު އެނގޭ މީހަކު ބުނީ އެހޮސްޕިޓަލުގެ ޚިދުމަތްތައް ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި ހަވީރު 5:00 ގެ ފަހުން އާންމު ބަލިތަކުގެ ޑޮކްޓަރުން އޯޕީޑީގައި ހަރަކާތްތެރިވާނެ ކަމަށާއި، ޓާޝަރީ ލެވެލްގެ ހޮސްޕިޓަލަކުން ކަނޑައެޅިފައިވާ ގޮތުގެ މަތީން ލިބެންވާ ހުރިހާ ހިދުމަތެއްވެސް 24 ގަޑި އިރު ލިބިގެންދާނެ ކަމަށް ބުންޏެވެ.

މިއީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޮނޑާ

    އެހެންތަ!؟ ކައުންސިލް އިންތިޚާބު ނިމުނީމަވެސްތަ؟ ހަމަ އަހާލީ.

  2. ޢައިޝާ

    ޢައްޑޫ މީހުންނޭ ކިޔާފަ ވާހަކަ ދައްކަން ތީކާކު؟އައްޑޫ މީހުނެއް ނޫޅޭނެ މާލެ މީހުންހެން ކެތްތެރިވާން ނޭގިގެނެއް.މިހުރިހާ ދުވަސް ވަންދެން ޔާމީން ސަރުކާރުގަވެސް ތި ހޮސްްޕިޓަލް ހުޅުވާ ވާހަކަ ދެއްކި. ހުޅުވުނުތަ އޭރުވެސް......... ކަލޭ މުންޖޭ ކިިޔަނީ މީ ކަލޭގެ ރައްތަ..

    • ޙނ

      ހާދަ ބަސްމަގު ރީއްޗޭ ދޯ!ކަލޭ ކިތަންމެ ފުފުނަކަސް ހަގީގަތް ބަދަލެއް ނުވާނެ.ކޮންމެ ސަރުކާރެއްއޮތަސް ވީކަމެއް ހަރާން!ޖަރީކޮށް ނަލަކުރާނީ ކަންތައްކޮށްދޭނީ މާލެއަށް!ކަލޭ ކެތްތެރިވެގެން ގޭގައޮވޭ! ވާރޭތިއްކެއް ވެހޭއިރަށް މަގުތައް ފެނުއަޑީގަ! ބޭސްފަރުވާ އެހާމެ ކަޑަ! ގޯތިބޭނުން އެތައްބަޔަކު އެބަތިބި!ކުޑަކުޑަ ފުލެޓެއްނޫނޭ ގެވަޅު ބޭނުންއެތައްބަޔަކއެބަތިބި.އެކަމަކު އެއްވެސް ސަރުކާރަކުން ކޮއްދިންތޯ؟ ބޮޑުމާސިންގާ ބިމެއްގަ އިންޑިޔާއިން ބސ އަޅާއިރުވެސް ހަމަ ކެތްތެރިވެގެން ބަލަންތޯ ތިތިބެނީ!ނޫނޭވާ ކެތްތެރިކަމަށް އައްސަރިބަހާ ސާބަސް!ފެނުކައްކާ ބޮލީގެ އިއްޒަތް އަމިއްލަޔަށް ލިބިގަނެގެން ކެތްތެރަކަމާއެކީ ގައުމާއިގެން ކުރިޔަށް!

      48