މާލެ، ހުޅުލެ އަދި ހުޅުމާލޭގައި އެމްޕީއެލްއިން މިހާރު ދެމުންދާ ބަސް ދަތުރުގެ ހިދުމަތުގައި ބޭނުންކުރާ ޓަޗްލިންކް ކާޑާއި، އެ ކާޑު ޓޮޕްއަޕް ކުރުމުގެ ހިދުމަތް ދޭ ތަންތަން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަދަލު ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން 1 ޖެނުއަރީން ފެށިގެން އެ ހިދުމަތްތައް ލިބޭނީ ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލުންނާއި އަދި އެކަމަށް ޙާއްޞަ ކުރެވިގެން ޤާއިމުކޮށްފައިވާ އޭޖެންޓްތައް މެދުވެރިކޮށެވެ.

ފެރީ ޓާމިނަލްގެ އިތުރުން ދެން އެ ކާޑު ގަނެ، ޓޮޕްއަޕް ކުރެވޭނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ފަހި ޕްލާޒާއިންނާއި ދިއްދޫ ހޮޓާ ގޯޅީގައި ހުންނަ މައި މޯލްޑިވްސް ޝޮޕްއިން ކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި މިހާރު ބަސްކާޑާއި، އެ ކާޑް ޓޮޕްއަޕް ކުރުމުގެ ހިދުމަތް ދެމުން އަންނަނީ އެމްޕީއެލްގެ ޕޯސްޓަކުންނެވެ. ނަމަވެސް ޖެނުއަރީ އެއް ވަނަ ދުވަހު ގެންނަ އާ ބަދަލާއެކު އެ ޕޯސްޓުން އެ ހިދުމަތް ދިނުން ހުއްޓާލާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މާލެ - ހުޅުމާލެ އާއި މާލެ - ހުޅުލެއަށް ކުރާ ބަސް ދަތުރުތަކަށް ހާއްސަ ބަސް ކާޑެއް ތައާރަފްކޮށްފައިވާއިރު، އެ ކާޑު ނޯންނަ ފަރާތްތަކުން މީގެ ކުރިން ދަތުރު ކުރަމުން ދިޔައީ ވަކިން ޓިކެޓް ނަގައިގެންނެވެ. ނަމަވެސް މިއަހަރުގެ ނޮވެމްބަރ މަހުން ފެށިގެން، ބަސްކާޑު ނުލާ ދަތުރު ނުކުރެވޭނެ ގޮތަށް އެކަން ވަނީ ބަދަލުކޮށްފައެވެ

އެމްޕީއެލް ގެ ބަހުގައި މާލެ - ހުޅުމާލެ އަދި މާލެ - ހުޅުލެ އާއި ދެމެދު ކުރާ ދަތުރުތަކަށް ނަގާ އަގަކީ 10 ރުފިޔާ އެވެ.