ދިވެހިރާއްޖެއާއި އައިވަރީ ކޯސްޓާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ މިއަދު ކަމަށެވެ.

ރާއްޖޭގެ ފަރާތުން ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރެވެ. އައިވަރީ ކޯސްޓުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު ބާނާޑް ޓަނޫހް-ބޫޗޯއާއެވެ.

އައިވަރީ ކޯސްޓާއެކު ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކުގެ އަދަދު މިހާރު ވަނީ 167 އަށް އަރާފައެވެ.

އާބާދީގައި ގާތްގަނޑަކަށް 24 މިލިއަން މީހުން އުޅޭ އައިވަރީ ކޯސްޓުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.

ގިނަ ގައުމުތަކާއި ގުޅުން ގާއިމު ކުރަމުންދާ ރާއްޖެއިން 2017 ވަނަ އަހަރު ވަނީ މިޔަންމާގެ ރަކީން ސްޓޭޓްގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ނަސްލު ނެތިކޮށްލުމުގެ އުދުވާނާއި ގުޅިގެން އެ ގައުމާއިއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު