ސީރިއާގައި ހަނގުރާމައަށް ގޮސްތިބި ދިވެހިންގެ ތެރެއިން ރާއްޖެ ގެނެވޭ ހާލަތުގައި ތިބި މީހުން ކުރިއަށް އޮތް ހަތް މަސް ތެރޭގައި ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިކަން އިއުލާން ކުރައްވާފައި ވަނީ އިއްޔެ ނިމިގެންދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ކައުންސިލަރަކު ކުރެއްވެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަމީދު ވިދާޅުވީ ސީރިއާގައި ހަނގުރާމަ ކުރަމުންދާ މީހުންގެ ތެރެއިން މިހާރު ތިބީ 59 ދިވެއްސެއްް ކަމަށާއި އޭގެ ތެރޭގައި ހަތަރު ފިރިހެނަކު ފިޔަވައި ތިބީ ހައްތަހާވެސް އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

އަދި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުގެ އިތުރުން ގައުމުތަކާއި ގުޅިގެން އެމީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ހ. ހިންމަފުށީގައި ހަނގުރާމައަށް ދާ މީހުން ރިހެބްލިޓޭޓް ކުރުމަށް އިމާރާތް ކުރަމުންދާ ސެންޓަރުގައި ކުރިއަށް އޮތް ހަތް މަހުގެ ތެރޭގައި އެފަދަ މީހުން ރާއްޖެ ގެނެސް ރިހެބްލިޓޭޓް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"ކުރިއަށް އޮތް ގާތްގަނޑަކަށް ހައެއް ނުވަތަ ހަތް ވަރަކަށް މަސް ތެރޭގައި ބޭރުގެ އެހެން ދައުލަތަކާ ގުޅިގެން މި ފަރާތްތައް ރާއްޖެ ގެނެސް ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ" ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ އެކަން ކުރެވޭނީ ޓެރޮރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ހަރުކަށި ފިކުރުގެ މީހުން ރިހެބްލިޓޭޓް ކުރާ އުސޫލުގެ ތެރެއިން ކަމަށެވެ.

ސީރިއާގައި ތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނައުމަކީ އެއާއިލާތަކުން ކެނޑިނޭޅި އެދެމުން ދެއެވެ.

އެފަދަ މީހުން ރިހެބްލިޓޭޓް ކޮށް މުޖްތަމައަށް އާދައިގެ މީހުންގެ ގޮތުގައި ނެރެ، އެމީހުންނަނީ ބޭނުންތެރި ބަޔަކަށް ހަދައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.