ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކުރީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލު ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން ވިދާޅުވެފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރީ، އެމަނިކުފާނާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ހެކިތަކަށް ބަލައި، ދައުލަތުގެ ތަހުގީގީ އިދާރާތަކުން އެ މައްސަލާގައި ގޮތެއް ކަނޑައަޅައި އެ ކޮމިޝަނުން ގޮތެއް ނިންމަންދެނެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ ފުލުހުން ކުރާ ވަކި ތަހުގީގަކާ ގުޅިގެން އެމަނިކުފާނު ސަސްޕެންޑް ނުކުރެވޭނެ ކަަމަށެވެ. އަދި ވަކި ތަނަކުން މައްސަލަ ބަލާތީ ކަމަށް ބުނެ، ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ބާރު ގާނޫނުތަކުން ޖޭއެސްސީ އަށް ލިބިދީފައި ނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީން އަމަލުކުރަން ޖެހޭ އަދި ތަބާވާން ޖެހޭ އިޖުރާއަތުތަކެއް ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

" އެންމެ އަސާސީ އެއް ސިފައެއްގެ ގޮތުގައި މި އޮންނަނީ އެ މައްސަލައެއް ތުހުމަތުވާ ފަރާތާ ސުވާލު ކުރެވި އޭނާގެ ބަހެއް ހޯދުމަށް ފަހު ނޫނީ އިދާރީ ފިޔަވަޅެއް ވެސް ފަނޑިޔާރަކާ މެދު ނޭޅޭނެ ކަމަށް،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ ޖޭއެސްސީ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ކަމަށް ވާތީ އެވެ.

ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއެކު މިހާތަނަށް 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އަދިވެސް މި ބާޣީންގެ ދުއްޕާން ކެނޑޭގޮތެއް ނުވެޔޭދޯ. ބަލަގަ އުއްތަމަ ބާޣީ ހަމައެކަނި ސަސްޕެންޑެއްނޫނޭ ކުރަންވީކީ ވަޒީފާއިން ވަކިކޮށްފަ ޖަލަށްގަޅާލަންވީ.....!!! އެހެންނާފަހެ ހިނގަހިނގާއޮތް ގާނޫނީ ސަރުކާރެއް ވައްޓާލަން ސާއްލާމާރި ރިޝްވަތު ހިފައިގެން އެހިންގި ޖަރީމާ އަކީ ކޮންފަދަ ނުބައި ޢަމަލެއްތަ؟

  2. ހޭމަ

    މަށަށް ފެންނަނީ ތިގެޔަށް ތިމައްސަލަ ގެންގޮސްގެން ގޮތެއްނިންމަން