ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އިސްމާއިލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ވަކީލު، މައުމޫން ހަމީދު، ޒާހިދު ރަމީޒްގެ ނަން ހުށައަޅާފައިވަނިކޮށް އެއީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ބުނެ މައުމޫނުގެ ސުލޫކީ މަައްސަލައެއް ބާ ކައުންސިލަށް ޒާހިދު ހުށައަޅައިފިއެވެ.

އެމައްސަލަ އޭނާ ހުށައަޅާފައިވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ބ) އާއި 42 ވަނަ މާއްދާގެ (ހ)އާ މައުމޫނު ހަމީދު ޚިލާފުވެއްޖެ ކަމަށް ބުނެއެވެ.

ޒާހިދު ހުށައެޅި މައްސަލާގައި ބުނެފައިވަނީ އިސްމާއިލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ހުށައަޅާފައިވާއިރު އިސްމާއިލް ރަޝީދަކީ އޭނާ ދުވަހަކުވެސް ބައްދަލުވެ ވާހަކަދައްކާފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ ނަން ޝަރީއަތުގެ މަޖިލީހަށް ހުށައަޅާފައިވަނީ ޝަރީއަތުގައި ސިޔާސީ ކުލަވަރު ޖައްސައި އޭނާގެ އަބުރު ކަތިލުމަށް ކަމަށްވެސް ބުނެފައިވެއެވެ.

"ޔާމީން ރަޝީދުގެ މަރާ ގުޅިގެން އަޅުގަނޑާ ގުޅުމެއްވާކަމަށް ބުނެ އަޅުގަނޑުގެ އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. ވަކީން ޚާއްސަކޮށް ސިޔާސީ ގޮތުން އަޅުގަނޑާއި އަޅުގަނޑު ނިސްބަތްވާ ޕީޕީއެމް ބަލިކަށި ކުރުމަށް މިފަދަ ދޮގު އިލްޒާމުތައް އަޅުގަނޑުގެ ބޮލުގައި އަޅުވަމުންދާ ކަމީ ހިތާމަ ކުރާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް ފަދަ ގަދަރުވެރި މަގާމެއްގައި މައުމޫން ހަމީދު ހުރެ މިފަދަ ދޮގު އިލްޒާމު އަޅުވާ މީހުން ބައިވެ މުޖުތަމައުގައި އަޅުގަނޑު އަގު ވައްޓާލަން އުޅުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ." ޒާހިދު ބާ ކައުންސިލަށް ފޮނުވި ސިޓީގައި ވެއެވެ.

ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ޒާހިދު ކޯޓަށް ހާޒިރު ކުރުމަށް އަމުރު ނެރުމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ އިސްމާއީލް ރަޝީދުގެ ވަކީލުން އެގޮތަށް އެދުމާއި ގުޅިގެންނެވެ.