ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުތަކުގެ މީހުން ގިނަކަމަށް ދެކެވޭ ވާހަކަތާކައި ގުޅިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މަޑުއްވަރީން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށާއި މިވަގުތު އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.

ސިފައިން ގުޅިގެން، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް ފުލުހުން އެކަމާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

"މި އޮޕަރޭޝަނަކީ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދަޢުލަތުގެ އާއްމު ނިޒާމާއި، އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޒައިޒް ފައިދާ ނަގަމުންދާ ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން، އަންހެނުންނާއި ކުޑަކުދިން، މުޖުތަމަޢު އާއި ވަކިކޮށް، ކުޑަކުދިންނަށް ޞިއްޙީގޮތުން، ދިނުމަށް ލާޒިމު ކުރާ ވެކްސިން ނުދީ، ތަޢުލީމް ޙާޞިލްކުުރުމުގެ ހައްޤުން މަޙުރޫމުކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށް ކަމަށް ބުނެ، މި ކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި، ދަރިމައިވުމާއި، އުފަންވަނިވި ޞިއްޙަތާއި، ގުޅުންހުރި ޞިއްޙީ އިންތިޒާމު ތަކާއި، ހައްޤުތަކުން އަންހެނުން މަޙުރޫމުކޮށް، އެފަދަ އަންހެނުންގެ ފުރާނައާއި ޞިއްޙަތަށް ނުރައްކާވާފަދަ ޙާލަތަކަށް ހުށަހެޅިފައިވާކަމަށް ލިބެމުންދާ މަޢުލޫމާތާއި ގުޅިގެން މިކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތައް ބަލާ ފާސްކޮށް، މި ކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދާ، ދެނެގަނެ، މި ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ޙާލަތު ބަލައި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ." ފުލުހުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައިވަނީ، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް، އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތް ކުރާ ފަރާތްތަކުން ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް، ހައްޤަކާއި ނުލާ މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ، ތަފާތު ޖިނާޢީ ކުށްތައް ކުރަމުން ދާ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

ހަމައެހެންމެ، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މަޑުއްވަރީ އާއި އެ ސަރަހައްދުގައި ހިމެނޭ އެހެން ރަށްތަކުގެ ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    ހާބީންތައްނައްތާލާ

    1
    4
  2. ?ރޮނޑާ

    ހުރި ހިތާމަ އެއްގެ ބޮޑު ކަމާއެއެވެ. މި އަކީ އެއްދުވަހަކުން ، ދެ އަހަރު ތެރޭ ގައި ހިގާނެ ކަންތަކެައްނޫން. ވޯޓު ތައް މަދު ވެދާނެ ކަމައް ބިރުން ރައިއްޔަތުން ތަކެއް ހަލާކު ވާން ދޫކޮއް ނުލާ ފިޔަވަޅު އެޅީތީ ޝުކުރިއްޔާ