ހުޅުމާލެ އަދި ވިލިމާލޭގައި ހެދިކާ ވިއްކަން ބޭނުން ވެގެން ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ފަރާތްތަކާއި ބައްދަލު ކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ކޮށްފަައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މާލޭ ސިޓީގެ ހުޅުމާލެ އަދި ވިލިމާލޭ އަވަށުގައި ހެދިކާ ވިއްކުމަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް އެ ކައުންސިލަށް ހުށަހަޅުއްވާފައި ވާތީ، މިފަދަ ފަރާތްތަކާއި ބައްދަލުކޮށްލަން އެ ކައުންސިލް އިން ބޭނުންވާ ކަމަށާއި، މިބައްދަލުވުން އޮންނާނީ 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 16:00 ގައި މިކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށެވެ

ހުޅުމާލެގައި ހެދިކާ ވިއްކުމުގެ ހިދުމަތް ދިނުމަށް ސަރަހައްދުތަކެއް ކަނޑައަޅައި އެކަމަށް ހާއްސަ އުސޫލެއް މިދިޔަ އަހަރު ވަނީ އެކުލަވާލާފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އަހަރު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ހުޅުމާލޭގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ހެދިކާ ވިއްކުމަށް ހުއްދަ ދޫކުރާނީ އެކަމަށް ހާޢްސަ ފޯމެއް ހުށަހެޅުމުން ކަމަށެވެ. އަދި އެކަމަށް ހުއްދަ ދިނުމުގައި މިހާރުވެސް އެކަން ކުރާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެކަމަށް ޒޯންތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެ އިއުލާނުގައިވަގޮތުން، އެކަަމަށް އެދި ހުއްދާ ދޫކުރެވޭނީ އެއް އަހަރު ދުވަހަށެވެ. އަދި އަހަރީ ފީއެއްގެ ގޮތުގައި 150 ރުފިޔާ ދައްކަން ވާނެކަމަށް އެ އިއުލާނުގައި ވެއެވެ. އަދި އުސޫލުގެ ދަށުން ހެދިކާ ވިއްކޭނީ ހަވީރު ތިނަކުން ހަޔަކަށް ކަމަށާއި، ހެދިޔާ ގެންގުޅޭއިރު، ސާފްތާހިރުކަމަށް އިސްކަން ދިނުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް އިއުލާނުގައި ވަނީ، އެކަމުގެ ހުއްދަ ދެވޭނީ ހުޅުމާލޭގައި ގޯއްޗެއް ނޫނީ ފްލެޓެއް ނޫނީ ރޯ ހައުސްއެއްގެ ވެރިފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ހުއްދަ ދެވޭނީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ހިދުމަތް ދެވޭނެ މީހުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު