ލ. އިސްދޫގެ ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 330 ދުވަސް ތެރޭ ނިންމާ ގޮތަށް 34.8 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން އިސްދޫގެ ބަނދަރު ސަރަހައްދުގެ ބޭރު ތޮށީގައި 160 މީޓަރުގެ ބޮޑު ހިލަ ޖެހުމާއި 48 މީޓަރުގެ އެއްގަމު ތޮށި ލުމާއި ބަނދަރާއި ނެރު ފުން ކުރުން ހިމެނެއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.