ސިޔާސީ މީހުންނަށް ނޫނީ ދައުވާ ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމު އަށް ދައުވާ ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމަށާއި، އެއީ ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން އެ ކުރައްވަނީ ވަރަށް ހުތުރުކަމެއް ކަމަށާއި ސިޔާދު ވަގުތުން ދޫކޮށްލުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

 

ސިޔާދު ދޫކޮށްލުމަށް ނަޝީދު ގޮވާލެއްވިއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ނިންމާފައެވެ. ސިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ސިޔާދު ހައްޔަރު ކުރީ ފެބްރުއަރީ 07 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިހާރު ވަނީ އަމުރު ކޮށްފައެވެ.

ސިޔާދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަތީފާ

    ދެން އަމައްޔާތް މި ޑިސްކޯ ޑައިންސަރު އުޅޭ ގޮތެއްދެން ވަރައްފޫހިވޭ ދެން އާސްބޯ މަށައް ޑާންސް ދަސްކޮޢްދޭން