ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިޔަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މޫސުން ކުރިޔަށް ލަފާކުރާ ގޮތް ހާމަކޮށް ރޭ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ވިދާޅުވިގޮތުގައި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރޭ 23:30 އިން ފަށައިގެން މެންދަމު 3:30 އާއި ހަމައަށް ޅ. އަތޮޅާއި ތ. އަތޮޅާއި ދެމެދަށް ރީނދޫ ސަމާލު ނެރެފައި ވެއެވެ. މީގެ އިތުރުން ރޭ 3:30 އިން ފަށައިގެން މިއަދު ހެނދުނު 8:30 އާއި ހަމައަށް، ނ. އަތޮޅާއި ލ. އަތޮޅާއި ދެމެދަށް އޮތީ ހުދު ސަމާލު ނެރެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަ ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު