އެސޯސިއޭޝަން އޮފް ލޭޑީ އެންޓެޕްރިނިޔާސް (އޭ.އެލް.އީ) އިން2017 ވަނަ އަހަރުގެ އެޕްރީލް މަހު "ކޮފީ ވިތް އޭ.އެލް.އީ" ގެ ނަމުގައި ފެށި ސިލްސިލާ ޕްރްގްރާމްގެ ފުރަތަމަ އަހަރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތަފާތު ކޮންސެޕްޓަކަށް، އަޑު އިވުމުން މަހްރޫމްވެފައިވާ މުވައްޒަފުންވެސް ބައިވެރިކޮށްގެން މާލެއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ އަހަރުގެ ތެރޭގައި 36 މުއައްސަސާއަކުން 228 މީހުން ތަމްރީނުކޮށްފައިވެއެވެ.

ކޮފީ ވިތް އޭލް ގެ ފުރަތަމަ އަހަރު ނިންމުމުގެ ހަފްލާގެ ތެރެއިން – ފޮޓޯ ޔޮއިންޓޯ ފޮޓޯގަރަފީ ( ޢަލީ ޟާދިޤް)

މި ހަފްލާގައި "ކޮފީ ވިތް އޭ.އެލް.އީ" ގެ އޮފިޝަލް ސްޕޮންސަރ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަނދާނީ ފިލަޔާއި ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، ކޮފީ ޕާޓްނަރ ކެޕިޓަލީ މޯލްޑިވްސް، އޮފިޝަލް ފޮޓޯގްރާފަރ ޢަލީ ޟާދިގު، ޕްރޮގްރާމްގައި ޓްރެއިނިންގ ސެސަންތައް ނަންގަވައިދެއްވާފައިވާ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ދެއްވިއެވެ.

މީގެ އިތުރުން 70 އިންސައްތަ ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކޮށްފައިވާ މުއައްސަސާތަކާށާއި، އަމިއްލަ ގޮތުން މެންބަރުންނާއި ޖަމްއިއްޔާތަކުން ބައިވެރިވި މެންބަރުންގެ ތެރެއިން 70 އިންސައްތަ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ބައިވެރިންނަށް ލީޑަރޝިޕް ސެޓްފިކެޓް ފީފައިވެއެވެ. މި ފަރާތްތަކަށް ލީޑަރޝިޕް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝާހިދު ޒަކީއެވެ.

ކޮފީ ވިތް އޭލް ގެ ފުރަތަމަ އަހަރު ނިންމުމުގެ ހަފްލާގެ ތެރެއިން – ފޮޓޯ ޔޮއިންޓޯ ފޮޓޯގަރަފީ ( ޢަލީ ޟާދިޤް)

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝާހިދު ޒަކީ ވިދާޅުވީ، ދިވެހިރާއްޖޭގައި އަންހެނުން ކުރިއެރުވުމަށް އޭ.އެލް.އީ އިން މިފަދަ މުހިންމު މަސައްކަތެއް ތަފާތު ގޮތަކަށް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްދެއްވީތީ އުފާކުރައްވާކަމަށާއި، މި ޕްރޮގްރާމްގައި އަންހެން ކަނބަލުންގެ އިތުރުން ފިރިހެނުން ބޭފުޅުންވެސް ބައިވެރިވުމަކީ ޕްރޮގްރާމަށް ލިބުނު އިތުރު ފުރިހަމަ ކަމެއްކަމަށެވެ.

"މިފަދަ ޕްރޮގްރާމްތަކަކީ އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް، އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވޭ މި މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނެރެވޭނީ އެންމެންގެ މަސައްކަތުން. މި ޕްރޮގްރާމްގައި އަންހެން ކަނބަލުންގެ އިތުރުން ފިރިހެން ބޭފުޅުންވެސް ބައިވެރިވުމަކީ ޕްރޮގްރާމަށް ލިބުނު އިތުރު ފުރިހަމަ ކަމެއްކަން އަޅުގަނޑު ޔަޤީންކުރަން." ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝާހިދު ޒަކީ ވިދާޅުވިއެވެ.

ކޮފީ ވިތް އޭލް ގެ ފުރަތަމަ އަހަރު ނިންމުމުގެ ހަފްލާގެ ތެރެއިން – ފޮޓޯ ޔޮއިންޓޯ ފޮޓޯގަރަފީ ( ޢަލީ ޟާދިޤް)

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސޯސިއޭޝަން އޮފް ލޭޑީ އެންޓެޕްރިނިޔާސް (އޭ.އެލް.އީ) ގެ ފައުންޑަރ އަލްފާޟީލާ ރަހީމާ އާދަމް ވިދާޅުވީ، މި ޕްރޮގްރާމަކީ މީހުން ޒިންމާދާރުކުރުވާ، ހޭލުންތެރިކުރުވާ، ރަނގަޅު ހިންގުންތެރި ބަޔަކު އުފެއްދުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެއްކަމުގައެވެ. މި ޕްރޮގްރާމްތަކުން ދަސްވި ކަންކަމުގެ ބޭނުން މުސްތަގްބަލުގައި ހިއްޕަވާނެކަމަށް އުއްމީދު ކުރައްވާކަމުގައި އަދި އޭއެލްއީގެ އުއްމީދަކީ އެ އެސޯސިއޭޝަންގެ ބޭނުން ރާއްޖޭގެ އެނެމެނަށްވެސް ހިފިގެންދާނެ އެސޯސިއޭޝަނަކަށް ވުންކަމުގައިވެސް ރަމީވާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކާއި، މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި، އަންހެން ވިޔަފާރިވެރިންނާއި އެންޖީއޯތަކުގެ ބޭފުޅުންނަށް އަމާޒުކޮށްގެން "ކޮފީ ވިތް އޭލް" ގެ ނަމުގައި ހިންގި ޕްރޮގްރާމުގެ ކާމިޔާބު ފުރަތަމަ އަހަރު ތަފާތު 10 މައުލޫއަކަށް ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީނު ދީފައިވެއެވެ.

ތަމްރީނު ދެވުނު މަޢުލޫތަކުގެ ތެރޭގައި، އަންހެނުން އަދި އަންހެނުންނާއި ވިޔަފާރި ދީނީ ނަޒަރަކުން، ސޯޝަލް އައިސޮލޭޝަން އެންޑް ބުލީއިން އެޓް ވޯކް ޕްލޭސް، ލީޑަރޝިޕް، ސްޓްރެސް މެނޭޖްމަންޓް، ޖެންޑަރ އޫކުއަލިޓީ ލޯ އާއި ގުޅޭ މަޢުލޫމާތު، ޓައިމެ މެނޭޖްމަންޓް އަދި ބޫސްޓް ޔުއަރ ކޮންފިޑެންސް އެންޑް ސެލްފް އެސްޓީމް ހިމެނެއެވެ.

ކޮފީ ވިތް އޭލް ގެ ފުރަތަމަ އަހަރު ނިންމުމުގެ ހަފްލާގެ ތެރެއިން – ފޮޓޯ ޔޮއިންޓޯ ފޮޓޯގަރަފީ ( ޢަލީ ޟާދިޤް)

އެސޯސިއޭޝަން އޮފް ލޭޑީ އެންޓެޕްރިނިޔާސް (އޭ.އެލް.އީ) އަކީ ދިވެހި އަންހެނުންގެ ދިރިއުޅުން ވިޔަފާރީގެ ތެރެއިން ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދާ ނުހަނު ބޭނުންތެރި ޖަމްއިއްޔާއެކެވެ.