އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން މަސްވެރިންގެ ޕާކުގައި އިމާރާތްކުރި ފަތުރުވެރިންނަށް ހާއްސަ ފާހާނަ ބަރި މާލެސިޓީ ކައުންސިލާއި ރަސްމީކޮށް ހާވަލުކޮށްފިއެވެ.

ސިޓީ ކައުންސިލާއި ފާހާނަ ބަރި ހަވާލުކުރުން އޮތީ މިއަދު ހެނދުނު މަސްވެރިންގެ ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގެ ތެރެއިން ފާހަނާ ބަރި ރަސްމީކޮށް ސިޓީ ކައުންސިލާ ހަވާލު ކޮށްފައި ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް އެވެ.

މަސްވެރިންގެ ޕާކްގައި އިމާރާތް ކުރި ފާހާނާތައް ހާއްސަކޮށްފައިވަނީ ޓޫރިސްޓުންނާއި ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި އެތަނުގައި ރެސްޓްރޫމް އެއްވެސް ހުންނާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ވިސްޓާ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ވަނީ އިތުރު 12 ފާހާނާ ތަރައްގީ ކޮށްފައެވެ.

ކްރޫޒް ލައިންތަކުގައި ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެތައް ހާސް ފަތުރުވެރިންނެއް އަންނައިރު އެމީހުން މާލެ ފައިބާ މަޑުކޮށްލާނެ ތަނަކާއި ފާހާނާ ކުރެވޭނެ ގޮތެއް ނުހުންނާތީ ކްރޫޒް ލައިންތަކުގެ އެޖެންޓުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.