ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ އަހަރު ތަމްރީނު ޕްރޮގްރާމެއް ފަށަން ފުލުހުން ނިންމައިފިއެވެ. އެތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 އާހަމައަށް ވަނީ ހުޅުވާލާފައި ކަމަށާއި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު ޓްރެފިކް ޕޮލިސް ކައުންޓަރަށް ހުށަހެޅުއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މިތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގައި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ޓެކްސީ ކުރުމުގެ ޚިދުމަތަށް އަލަށް ނުކުންނަ ޑްރައިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ޓެކްސީ ޚިދުމަތަށް އަލަށް ނުކުންނަށް ޑްރައިވަރުން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޓެކްސީ ސެންޓަރުތަކުގައި ނަންނޯޓު ކުރުމަށް ފުލުހުން އެދެއެވެ.

ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ދަނީ ސިލްސިލާކޮށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި ވަނީ ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ފޯނު އެޕްލިކޭޝަންތައް ބޭނުން ކޮށްގެން، ޓެކްސީ ސެންޓަރަކާއި ނުގުޅި ޕްރައިވެޓް ކާރުގައި ޓެކްސީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.