ތައިލެންޑުގެ ވެރި ރަށް، ބެންކޮކް ގައި އިއްޔެ ހިނގައިދިޔަ އެކްސިޑެންޓުގައި އަނިޔާވި 3 މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދާ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ އެމީހުން އެއާޕޯޓުން، ހޮޓަލަށް ދިޔަ މަގުމަތީގައި ދަތުރުކުރަމުންދިޔަ ކާރުގެ ޑްރައިވަރު ނިދި ޖެހިގެންނެވެ. ހާދިސާ ހިނގާފައިވަނީ ބެންކޮކް ގަޑިން މެންދަމު 3:30 ހާއިރުއެވެ. ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާގެ ސަބަބުން ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ސ. ހުޅުދޫ، އަހްމަދު ސައީދު އަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އޭނާގެ ބޮލަށެވެ.

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު އާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައީދުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވުމާ ގުޅިގެން އިއްޔެ ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. އަދި އޮޕަރޭޝަން ކާމިޔާބު ކަމަށާއި ސައީދުގެ ހާލަތު އިއްޔެ އަށް ވުރެ ސްޓޭބަލް ނަމަވެސް އަދި ވެސް ސީރިއަސް ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައީދު ހޭނޭރި ނަމަވެސް މިހާރު ތަދަށް ރެސްޕޯންޑް ކުރަން ވަނީ ފަށާފައެވެ. ނަމަވެސް އެމްއާރު އައި ހެދި އިރު ކަނދުރާގައި ފްރެކްޗަރ އެއް އިނުމުން އިތުރު ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށާއި އިތުރު އޮޕަރޭޝަނެއް ކުރެވޭ ވަރަށް އޭނާގެ ހާލު އަދިވެސް ސްޓޭބަލް ނުވާ ކަމަށް ޖިނާހު ވިދާޅުވެފައިވެއެވެ.

ބެންކޮކަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ގިނަ ސިޓީއެކެވެ. މިއަހަރުގެ ފުރަތަމަ 10 މަސް ދުވަސް ތެރޭގައި ވެސް ބެންކޮކްގައި ހިނގި އެކްސިޑެންޓްތަކުގައި 45 މީހުން މަރުވެފައިވެއެވެ.