ވަކި މުއްދަތެއްގެ ތެރޭގައި ބިލް ދައްކާ ފަރާތްތަކުގެ ޖޫރިމަނާ މާފު ކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖު ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން މިކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، އާދަމް އާޒިމް އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ބިލް ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ފަރާތްތަކުން އަންނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، ޖޫރިމަނާއަށް އަރާފައިވާ އަދަދު މާފު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ބިލަށް އަރާފައިވާ މިންވަރުގެ 50 އިންސައްތަ ދައްކައިފިނަމަ، 50 އިންސައްތަ ޖޫރިމަނާ މަޢާފުކޮށްދޭނެ ކަމަށާއި، ބާކީ އޮންނަ ބައި އިންސްޓޯލްމަންޓަށް ދެއްކޭނެ ލުއިގޮތްތައް ހަމަޖައްސާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވެފައިވާ ގޮތުގައި ޤަވާއިދުން ބިލް ނުދައްކާ ފަރާތްތަކުގެ އަދަދު 13894 އަށް އަރާއިރު އޭގެތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބިލް ނުދައްކާ 1570 ފަރާތެއް ތިބި ކަމަށެވެ. މީގެ އިތުރުން އެއް އަހަރު ވަންދެން ފައިސާ ނުދައްކާ 1700 އަށްވުރެ ގިނަ ފަރާތަކާއި ދެމަހަށްވުރެ ގިނަ ދުވަހު ބިލް ނުދައްކާ 4492 ފަރާތެއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބޭނުންވަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި، އެހެންކަމުން ބިލް ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ މި ފުރުސަތުގެ ބޭނުން ހިފައި، ބިލް ނުދައްކާ ފަރާތްތައް 16 ޖޫން 2020 ގެ ކުރިން ބިލް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީން ހުޅުވާލި މި ފުރުސަތާއި ބެހޭ މަޢުލޫމާތު އެ ކުންފުނީގެ ކައުންޓަރުންނާއި، ކުންފުންޏަށް ގުޅޭ ނަންބަރު، "105" އިން ލިބޭނެއެވެ.