ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ގދ. ވަޓަވައްރެހާ ވިއްކާލަން ނިންމައިފިއެވެ.

ވަޓަވައްރެހާއަކީ ނުވަ ކެޓެގަރީއެއް ހިމެނޭހެން ޖުމަލް 300 ކޮޓަރިއާއި ތިން ރެސްޓޯރެންޓާއި ހަތަރު ބާރ ހުންނަ ގޮތަށް ތަރައްޤީކުރާ ރިސޯޓެކެވެ. މި ރިސޯޓުގައި ވޯޓާ ސްޕޯޓްސް ސެންޓަރާއި ސްޕާއެއްވެސް ތަރައްޤީ ކުރުމަށް ނިންމާފައި ވެއެވެ.

މީގެ 13 އަހަރުކުރިން ތަރައްޤީކުރަން ފަށާފައިވާ ވަޓަވައްރެހާ ރިސޯޓު ވިއްކާލުމަށް ޔޮޓް ޓުއާސް އިން ނިންމާފައިވާއިރު، އެ ރިސޯޓުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ރިސޯޓަށް މިހާރު ވަނީ ރާޅުވެލި ކްލަބް ރިސޯޓުގެ ނަމުން ނަންދީފައެވެ.

މި ރިސޯޓު ގަންނަން ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޖާބިރުގެ ޔޮޓް ޓުއާސް އިން މީގެ ކުރިންވެސް ތަރައްޤީ ކުރުމަށްފަހު ރިސޯޓުތައް ވިއްކާފައި ވެއެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުގައި މިގޮތަށް ރިސޯޓުތައް ތަރައްޤީ ކުރުމަށްފަހު ވިއްކުމަކީ ބޮޑު އާމްދަނީއެއް ލިބޭ، ޓޫރިޒަމްގެ ރަނގަޅު ވިޔަފާރިއެއް ކަމަށެވެ.