ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ފައިސާއަށް ހިޔާނާތްތެރިވީ ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފަކު، ބޭރު ޤައުމެއްގައި އުޅުމަށްފަހު އެނބުރި ރާއްޖެ އައިތަނާ ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވަނީ އެ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ. އެއަށްފަހު ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުމަށްފަހު އޭނާ ރާއްޖެ އައިތަނާ ހައްޔަރުކޮށްފައިވާއިރު، އޭނާ ހޯދުމަށް ފުލުހުން ކުރިން ވަނީ ނޯޓިސްވެސް ނެރެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ތައިލޭންޑުގައި އުޅުމަށްފަހު ރާއްޖެ އައިތަނާ އެއާޕޯޓުންނެވެ. މިކަމާއި ގުޅިގެން އަދި ފުލުހުން އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ބީއޯސީގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެން އެ ބޭންކުގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މެދެއްހާ ހިސާބުގައެވެ. ނަމަވެސް އޭނާ ހިޔާނާތްތެރިވެފައިވަނީ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ބީއޯސީގެ މުވައްޒަފަކު ފައިސާއަށް ހިޔާނާތްތެރިވީ މައްސަލައެއް ފެންމަތިވިއިރު، މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއްވެސް، ބޭންކުގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެ މައްސަލައިގައި އެމީހުންނަށް ވަނީ ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައެވެ.