ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ ދެފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އާ މެޓީރިއަލެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލު ކުރަން ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޒޭންގް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ދަގަނޑުތަކުގައި ދަބަރުޖަހާ މައްސަލަ ހައްލު ކުރަނީ ރާއްޖޭގެ ކަނޑާއި ގުޅޭ މެޓީރިއަލްއެއް ބޭނުންކޮށްގެން ކަމަށާއި އެކަން ކުރަނީ ޗައިނާގެ ޒިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި އެ ގައުމުގެ ސީސީސީސީ އިންޖިނިއަރިންގެ ޓީމުން އެކި ފަހަރު މަތިން ކުރި ދިރާސާތަކަކަށް ފަހު ވަކި ގޮތަކަށް ނިންމުމަށް ފަހުގައި ކަމަށެވެ.

އަދި އެ ބޭފުޅުން ބްރިޖަށް ކޮށްދޭން އެއްބަސް ވެފައިވާ ކަންކަން ހަނދާން ނުނެތޭ ކަމަށްވެސް އޭނާ ކުރެއްވި ޓްވިޓުގައި ފާހަގަ ކޮށްފައިވެއެވެ.

ޒޭންގް އެފަދައިން ވިދާޅުވެފައިވާއިރު، ބްރިޖްގެ ދަނގަނޑުތަކުގައި އަޅިކުލައިގެ އެ މެޓީރިއަލް ލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ބްރިޖް މިހާރު ބޭނުން ކުރަމުން އަންނަތާ އަހަރެއް ވެފައިވާއިރު ބްރިޖްގެ އެކި ހިސާބުގައި ޖަހާފައިވަ ދަގަނޑުތަކުގައި މިހާރު ވަނީ ދަބަރު ޖަހާފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ ލޮނުގެ އަސަރު ކުރުމެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖް ހަދަން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. އެ ބްރިޖުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.