2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި މިއަދު ހަވީރު 03:00 ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން ކަމަށްވާ ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި، ގދ.ވާދޫ ކަރަންކާގޭ، މުޙައްމަދު ނޫރައްދީންގެ އިތުރުން ސ.ހުޅުދޫ އަތިރިއާގޭ، މުޙައްމަދު ސުޢައިދުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފައިވަނީ މިއަދު ހެނދުނުއެވެ. މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބު ވަނީ ސާފުވާގޮތް ނުވެފައެވެ.

މި އެންމެންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މީގެ ތެރެއިން ސުޢައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރަށެވެ. ނަމަވެސް އެދުވަހުގެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

އޭގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި 4 މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަތް ކާރު މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް އުފުލި ދޯނީގެ ދެ ކައްޕިންގެ އިތުރުން ނުރައްދީންއާ އެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް އަދި ގެސްޓް ވިޔަފާރީގައި ހަރަކާތްތެރިވި ވިޔަފާރީގެ ދެ ބައިވެރިންނެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން 29 ހެއްކެއް އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ފަރާތުން ދިފާއުގައި ފަސް މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ.