މިހާރު އެންމެ ބާރު ސްޕީޑްގައި މަސައްކަތް ކުރަމުން އަންނަ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ އެކު، މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހާރު ބޮޑުތަކުރުފާނުގެ މަގުގެ ބައެއް ސަރަހައްދުގައި ހުރި ގަސްތައް ވަނީ ކަނޑާފައެވެ. އަދި ހެންވޭރު އާޓިފިޝަލް ބީޗުގެ ސްޓޭޖް ވަނީ ތަޅާލާފައެވެ. އަދި މިހާރު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ޕާކު ކުރުން ވަނީ މަނާކޮށްފައެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށާއި، ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުން ދަނީ ޕޭމަންޓްތައް ރޫޅާލައި، މަގު ފުޅާކުރުމުގެ މަސައްކަތް ކަމަށެވެ.

ހައުސިންގ މިނިސްްޓްރީން ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް ތާރު އަޅާށެވެ. މިހާރު އެ މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނުމަގުގައި ގާޑިޔާތައް ވަނީ އެކި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ.

ހައުސިންގ މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހަދަން ނިންމާފައިވާ މަގުތަކުގައި 450 އެއްހާ ގަސް އިންދާނެ ކަމަށެވެ. އެ މަގުތައް ހަދަނީ ރިންގް ރޯޑެއްގެ ގޮތުގައެވެ.

މިގޮތަށް މިނިސްޓަރު ވިދާޅުވިއިރު، ބްރިޖަށްދާ މަގުތައް ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޒާ

    ބްރިޖަކީ މައުމޫނުގެ ވެރިކަމުގަ އަޅަންފެށި ބްރިޖެއް ނަމަ..
    1- ފުރަތަމަ 5 ރޯނު ދެމުން
    2- ދެވަނަ ފަސް އަހަރު ކަޑަ ޖެހުން.
    3- ތިންވަނަ ފަސް އަހަރު ބިންބާ އެޅުން.
    4-ހަތަރުވަނަ ފަސް އަހަރު މަސައްކަތް ފެށުން.
    ނިމޭނީ 40 އަހަރުން..
    މިސާލު އައި.ޖީ.އެމް.އެޗްގެ 11 ބުރީގެ ޢިމާރާތް ފުދޭ... މަސައްކަތް ފެށިތާ 11 އަހަރުން ވެސް ނުނިމުނު.. ގެހިގެން ހުރި 25 ބުރީގެ ޢިމާރާތަކީ ރައީސް ޔާމީނު 3 އަހަރުން ނިންމާލި ހަޖަމް ނުވި ޢިމާރާތް.. ތަފާތު.. ވިސްނާ ފިކުރު ުރޭ.. ވ ސަލާމް.

  2. ހުސޭނުބޭ

    މައުމޫނަކަށް ކުޑަކޮށްވެސް ތާޢީދެއްކުރަނީކީ ނޫން. އެކަމަކު 1988 ވަނަ އަހަރު އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތި ބްރިޖް އެޅުމުގެ ފުރުޞަތު މައުމޫނަށް ލިބުނު. ހަމައެކަނި ޝަރުޠަކީ ބްރިގެ އެއްކޮޅުގައި ޖަޕާނުގެ ކުރީގެ އެމްޕަރާ ހީރޯހީޓޯގެ ބުދެއް ބެހެއްޓުން.