މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް 8.2 މިލިއަން ރުފިޔާގެ އެހީ މިހާތަނަށް ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭ އިން ވިދާޅުވެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ގިނަ ބަޔަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެއެވެ. އެހެން ނަމަވެސް އަދިވެސް ވަގުތީ އެހީތެރިކަމުގެ ދަށުގައި 29 މީހަކު ތިބި ކަމަށާއި އޭގެތެރެއިން ހަގޭބިސީއެއްގެ މީހުން ދިރިއުޅެމުންދަނީ ގާކޮށި ފުލެޓުގައި ކަމަށާއި އަދި އަދި ވޭސްޓްސައިޑްގައިވެސް ބަޔަކު އުޅެމުންދާކަމަށް އެ އޮތޯރިތީ އިން ވަނީ ވިދާޅުވެފައެވެ.

އެންޑީއެމްއޭ އިން ވިދާޅުވެފައިވާ ގޮތުގައި މިހާރު އެ ހުރިހާތަނެއްގައި ދިރިއުޅެމުން ދާ މީހުންނަށް ވަނީ ތިންމަސްދުވަހުގެ ކުލި ދީ، އެހެން ތަންތަނަށް ބަދަލުވުމަށް ނޯޓިސް ދީފައި ކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ހިނގައި އެތައް ބައެއްގެ ގެދޮރު ގެއްލުމާއި ގުޅިގެން ވަނީ، އެހީ ހޯދުމަށް ފަންޑެއް ހުޅުވާފައެވެ. އެ ފަންޑަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ އަލިފާން ހިފާފައި ވަނީ ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެއަށްފަހުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުމަތީގައި ހުރި ސައިކަލުތަކާއި، ކުރިމަތީގައި ހުރި ރަދުވާނާ ކިޔާގޭގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ގަނޑު ވަނީ ފެތުރިފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި "ތިލަފުށި ގޭގެ" ގުދަނުގައި 12 ތަފާތު ވައްތަރެއްގެ އެކިއެކި ކެމިކަލް ރައްކާކުރެވިފައިވެއެވެ. އޭގެ ތެރޭގައި ލޯންޑްރީގައި ބޭނުން ކުރާ ކެމިކަލްސްތަކާއި، އަދި ޕޫލް ޑިސް އިންފެކްޓް ކުރަން ބޭނުން ކުރާ ކެމިކަލްގެ އިތުރުން، ފްލޯކްލީންއަށް ބޭނުން ކުރާ ކެމިކަލްވެސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ

މި ހާދިސާގައި ހަ ގުދަނަކާއި، ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެފްޑަބްލިއު

    ތިކަމުންވެސް އެއްވެސް އެއްޗެއް ނުލިބި މަގުމަތިވީ ތިޔަ ގެތަކަށް ކުއްޔަށް އެޑްވާސް ދައްކައިގެން ތިބި މީހުންނަށް

  2. 19 ނަވާރަ

    ގާކޮށީގައި ތިއްބެވި ބެފުޅުން ރަށުގައި ތިބި ތިމާގެ މީހުން ގެނެސްގެން ދިރިއުޅެނީ. ސަރުކާރުން ގާކޮށިން ދީފައިވަނީ މުއްސަދިނަށް. ހަމައެކަނި ދެމަފިރިންނަށް 3 ކޮޓަރި އެޕާޓްމަންޓު މީ ހަމަހަމަ އުސޫލެއްބާ.

  3. މުހައްމަދު

    ލޮލައް ނުފެންނަ އެހީ.. ލޮލައް ނުފެންނަ މަޝްރޫއު.. އިވެނީ އަޑެއް. މިއީ މި ސަރުކާރުގެ މޮޅުކަން..