މީހުންނަށް ލިބޭ މުސާރަ ނުވަތަ އާމްދަނީ އިން އިންކަމް ޓެކްސް ނަގަން ފަށައިފިއެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން އަދި ޓެކްސް ނަގާނީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުންނެވެ. މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް އެކަކުން ފެށިގެންނެވެ.

މިއަދުން ފެށިގެން ވިޔަފާރީގެ އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އިކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީން ޓެންސް ނަގާނެ އެވެ.

އިންކަމް ޓެކްސްއާ ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅިއިރު ޓެކްސް ދެއްކުމަށް ކަނޑައަޅާފައި ވަނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް މި ބިލް ގާނޫނަކަށް ވީ އިރު ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ.

އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.

ނަމަވެސް މަހުޖަނުންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނީގެ ޑިވިޑެންޑުން ޓެކްސް ނުނަގަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަން

    މަހުޖަނުންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏަކީ ކޮބާ؟

    • ބޭބެ

      މަހުޖަނުން ހަމަ މަހުޖަނުންނަށް ވާނީ!! ވައްކަންކުރާ މީހުން ވައްކަން ކުރަނީ ދުވާލުގެ އަލިކަމުގައި!! އެއީ ބަދަލުގެ ނަމުގައި! ޚާރިޖީ ވަޒީރަކީ 2019 ވަނަ އަހަރުގައި އެންމެ ގިނަ ދަތުރުކުރި ފަރާތް!! ކޮންމެ ދަތުރަކަށް އެތައް ލައްކަ ރުފިޔާ އެބަނަގާ! އެވަރު ނުވެގެން ބޭރުގައުމުތަކުން ހަދިޔާކުރާ އެތިކޮޅުވެސް އެބަކަޓުވާލާ!! ކާޕެޓްވެސް ދިރުވާލާފަ އޮތްވާ ފަޅާއެރީމާ ދެން ނޫސްވެރިއަކު މެދުވެރިކޮށް ކުޅުވީ ޑްރާމާއެއް!! ދެން ޓެކްސް ރައްޔިތުންގެ އަތުން އެކި ނަންނަމުގައި ނަގާނަމަ އޭގެފައިދާ ރައްޔިތުންނަށްކުރަންވާނެ!! ހިލޭ ބައެއް ޚިދުމަތްތަށް ދޭންވާނެ!! އެންމެ ކުޑަވަރަކަށް ގެއިން ކުނިކޮޅު ހިލޭ އުކާދީ!! ނުދިޔޭގެ ގައުމުގަކުން ޓެކްސް ނަގާފަ މިހަކަ އެތައް ފަސޭކެއް ރައްޔިތުންނަށް ފޯރުކޮށްދޭ!! ރައްޔިތުން ދައްކާ ޓެކްސް ފައިސާކޮޅު ވެރިކަމަށް އަންނަ ބަޔަކު ބޭނުންހާގޮތަކަށް ތަޅާ ހުސްނުކުރެވޭނެ ހަރުދަނާ ނިޒާމްތަކެއް ކަނޑައަޅާފައި ހުރޭ!! މިރާއްޖޭގައި ދެވޭ ޚިދުމަތެއްނެތް ފައިސާ ނުނަގާ! އެކަމަކު ހެސްކިޔާފަ ޓެކްސް ނަގަމުން މިދަނީ!! ދެން ކޮންމެ ބަޔަކު ވެރިކަމަށް އައިސް ދައުލަތް ލޫޓުވާލަނީ!! ބަދަލުދީ ނަމުގަ ހުސްކުރަނީ!! ރާއްޖޭގެ ފައިދާވާހަކަލަ ތަންތަން އިންޑިޔާއަށްދީ ހުސްކުރަނީ!! ގައުމަށް ވަފާތެރިވާންޖެހޭ!! މިއީ ދިވެހި އެންމެހާ ރައްޔިތުންގެ ގައުމު! ރައްޔިތުން ގޭގެ މިތިބެނީ މިވެރިންނަށް ކާންދީގެން!! ހަމަ ކައި ހުސްކުރަންދެން!! އަޅެ ނިކުމެ އެއްޗެކޭ ބުނާނެ މީހަކު ނެތީތަ؟

  2. Anonymous

    ކޮބައިތޯ އެއްކަލަ ސަޅި އެޖެންޑާ 19. އޭގެސަޅިކަން ފެންނާނީ 2023ގައިތޯ. ރައްޔިތުންގެ ދިރިއުޅުމަށް އައި އެއްވެސް ތަނަވަސް ކަމެއް ނެތި ގައުމަށްފައިދާވީތަ! ބަންޑާރަ ބާލިހުގައި ބަގުޑި ބައްދައިގެން ތިއްބަވާ މިފަސްއަހަރު

  3. ރާބިޢާ

    ދައުލަތަށް އާމުދަނީ ހޯދޭނެ މި ސަރުކާރަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ ޖީބުތައް ކޮޅުމެވެ. ޕީޕީއެމްގެ ވެރިކަމެއްގައި އިންކަމްޓެކްސް އުވާލެވޭނެއެވެ.