އއ. މަތިވެރީގެ ކައުންސިލުން އިސްނަގައިގެން އެވިޑްކޮލެޖްގެ 2 ކޯހެއް އެ ރަށުގައި ފަށައިފިއެވެ.

މަތިވެރީގައި ހުންނަ އެވިޑްކޮލެޖްގެ ކޯޑިނޭޓަރ އިލްޔާސް އިބްރާހިމް ވިދާޅުވީ މިކަމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބޭކަމަށާއި ނަމަވެސް ބިނާކުރެވޭނެ ވަރަށް ކުދިންނެތުމުގެ އިތުރުން ކުދިންގެ ނަތީޖާތައް ހުރި ގޮތުން އަދި ފެށިފައިވަނީ 2 ކޯހެއް ކަމަށެވެ. އެއީ ޑިޕްލޮމާއިން ހިޔުމަން ރިސޯސް ޑިވެލޮޕްމެންޓް އަދި ޑިޕްލޮމާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކައިރީގެ 3 ރަށެއްގެ ކުދިން ކިޔެވުމަށް އަންނަ ކަމަށާއި އޭގެ ތެރޭގައި ހިމަންދޫ މާޅޮސް އަދި ހެރިދޫ ހިމަނައިން ޖުމްލަ 30 އަށްވުރެ ގިނަކުދިން ކިޔަވަމުންދާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެކުދިންގެ އެކޮމޮޑޭޝަން ހަމަޖައްސައިދެނީ ކައުންސިލްގެ ފަރާތުން ކަމަށާއި އެގޮތަށް ކަންތައް ކުރަނީ މިކަންތައް އިތުރަށް ފުޅާކުރަން ބޭނުންވާތީ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އެވިޑްކޮލެޖްގެ ފަރާތުން މަތިވެރީއަށް އަންނަ ލެކްޗަރާއިންނަށްވެސް އެކަމޮޑޭޝަން ހަމަޖައްސައިދެނީ ކައުންސިލުން ކަމަށެވެ. މިކަމުގެ ސަބަބުން މާލެ ގޮސްގެން ކިޔެވުމަށްދާ ހަރަދަށްވުރެ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށާއި، މިކަން އިތުރަށް ފުޅާކޮށް ޑިޕްލޮމާ ނިމުމުން ޑިގްރީ ފެންވަރުގެ ކޯސްތައް ކުރިއަށް ގެންދިޔުމަށްވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުދިން ހަމަނުވާތީ ފަށަން ބޭނުންވެފައިހުރި ފައުންޑޭޝަން ކުލާސްތައް ނުފެށި ހުރި ކަމަށާއި ނަމަވެސް ކުދިން ލިބުނުހާ އަވަހަކަށް ކޯސްފަށާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

އެވިޑް ކޮލެޖުން ބުނީ ވަރަށް އަވަހަށް މަތިވެރީގައި މާސްޓާސް ލެވެލްގެ ދެކޯހެއް ފަށާނެ ކަމަށެވެ.