ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީން އަށް ތާއީދު ހޯދުމަށް ވެރިކަންކުރާ ޕީ.ޕީ.އެމް އިން މިމަހު 12 އިން 19 އަށް ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި އެ ޕާޓީގެ ވަފުދެއް ގދ.ތިނަދޫއަށް ވަޑައިގެންފިއެވެ.

ޕީ.ޕީ.އެމްގެ ގދ.ތިނަދޫ ދަތުރުގައި އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގިނަ އަދަދެއްގެ ޒުވާނުންނާއި ބައްދަލުކޮށް މިހާރުވަނީ ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތް ފަށާފައެވެ. އަދި ދަތުރުގެ ބައިވެރިން ވިދާޅުވި ގޮތުގައި ތިނަދޫ ކޮންމެ ރައްޔިތަކަށްވެސް އެބޭފުޅުންނާއި ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެއއެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ހެލްތްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުޙައްމަދު މާހިރު އަދި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އިބްރާހީމް ސަޢީދު (ކޭޑު) އެވެ.

މި ދަތުރާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުޙައްމަދު މާހިރު ވިދާޅުވީ، މިދަތުރަކީ އަންނަ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން އަށް ތާއީދު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.

" މިދަތުރުގައި ގދ.ތިނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ދޮރުން ދޮރަށް ހިނގައި އެރަށު ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަމުންގެންދާނެ " މާހިރު ވިދާޅުވިއެވެ.

އިބްރާހީމް ސަޢީދު (ކޭޑު) ވިދާޅުވި ގޮތުގައި ތިނަދޫއަކީ ތަރައްޤީގެ ދުވެލީގައި ރައީސް ޔާމީންގެ ސަރުކާރުން ނުހަނު ބޮޑު ބަދަލުތަކެއް ގެނެސްދިން ރަށަކަށްވެފައި، އެރަށުގެ ރައްޔިތުންނާއި އަދި ވަކިން ޚާއްސަކޮށް ޒުވާނުންނާއި ބައްދަލުކޮށް ވާހަކަ ދައްކާލުމުން ރައީސް ޔާމީނަށް އޮންނަ ތާއީދު ހާމަވެގެންދާކަމަށެވެ.

އަދި ރައީސް ޔާމީން އާ ދައުރަކަށް ހޮވުމަށް ތިނަދޫ ޒުވާނުންގެ ބޮޑު އާބާދީއެއް ތައްޔާރަށް އޮތްކަމަށް އެ ޒުވާނުން ބުނަމުންގެންދާކަމަށް ކޭޑު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުވާނުންގެ ރައީސް

    ދޮގު ހެދިޔަސް ފުކެއް ބޮޑު ވަރު. އެތާ އިށީނދެގެން އެ ތިބި މީހުންގެ ފޭސްބުކްގައި ހަމަ ތި ފޮޓޯތައް ލާފައި ތަފްސީލުގައި ލިޔެފައިވަނީ، ތިނަދޫ ޕޕމ ގެ ސޯޝަލް މީޑިޔާގެ ބޭފުޅުންނާ ޕޕމ އިން ބައްދަލުކުރައްވަނީއޭ. އެހެން ނޫނަސް ގާތްގަނޑަކަށް 9000 މީހުން އުޅޭ ރަށެއްގެ ރައްޔިތުންނަކީ އަދި ޚާއްޞަކޮށް ރަށުގެ ޒުވާނުންނަކީ ތިއީ ނޫންކަން ހަމަ ރަނގަޅަށް އެނގޭނެ.