ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ހޯދުމުގައި ދިމާވަމުންދާ އެންމެ ބޮޑު ގޮންޖެހުމީ އޭނާ ވެއްޓުނު ސަރަހައްދު ނޭގުމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 19:06 ހާއިރުއެވެ. ޑިންގީގައި ލޯންޗް ޖެހުނު އިރު ނަސްރުﷲ ގެ އިތުރުން އިތުރު ދެމީހަކު ވެސް ޑިންގީގައި ތިއްބެވެ. އެއީ 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. އެއިން އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބުނު ކަމެއް ނޭގެއެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓް ގާާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަހުމަދު މުޖްތަބާ ވިދާޅުވީ، މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާފަރުން ކައިރިން ކަމަށެވެ. ނަމަވެސް އެ ޑިންގީ ވެއްޓުނު އަދި ނަސްރު ވެއްޓުނު ސަރަހައްދަކީ ސީދާ ކޮން ސަރަހައްދެއްކަން ނޭގޭތީ ހޯދުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސީދާ ޕިންޕޮއިންޓްކޮށް އެ ލޮކޭޝަން ނޭގޭތީ ހަގީގަތުގައި ކޮމްޕްލިކޭޓް ވެގެން މި އުޅެނީ މި އޮޕަރޭޝަން".

މުޖުތަބާ ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް ކަނޑު އަޑިންނާއި، ކަނޑުމަތިން އަދި ވައިގެ މަގުންވެސް ކުރަމުން އަންނަ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ، އެ ލޯންޗަކީ އުތުރުން ދެކުނަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ކަމަށާއި، އަދި ޑިންގީ ދަތުރު ކުރަމުންދިޔައީ ދެކުނުން އުތުރަށް ކަމަށެވެ.

"އެހެން ނަމަވެސް މީގެ ހަގީގީ ތަފްސީލް އިނގޭނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރީމަހެން އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ. ބޮޑަށް ލަފާކުރެވެނީ މި އެކްސިޑެންޓް ހިނގުމާއި ގުޅިގެން ތަނެއް ސީދާ ލޯކަލައިޒް ކުރަން އުޅުމުގެ ބަދަލުގައި މީހުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރި". މުޖުތަބާ ވިދާޅުވިއެވެ.

މުޖްތަބާ ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން، ކައިރި ރަށްތަކާއި، ރިސޯޓް ފަހަރުތަކުގެ އުޅަނދު ފަހަރުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"15 ވަރަަށް އުޅަނދު ރޭ ވަރަށް ދަންވަގުތާއި ޖެހެންދެންވެސް ދިޔައީ މަސައްކަތް ކުރަމުން. އަދި އަޅުގަނޑުމެންގެ ޑައިވަރުން ރޭގައި ޑައިވެއްކޮށްފައި ވާނީ، މި ޑައިވްކޮށްފައި ވާނީވެސް މި ސަރަހައްދުގައި އުޅޭ އެހެނިހެން ޑައިވަރުންނާއި އެއްކޮށް.، ރޭގަ ކުރެވުނު މަސައްކަތުން ގެއްލިގެން އުޅޭ މީހާއެއް ނުފެނޭ". މުޖްތަބާ ވިދާޅުވިއެވެ.

އަދި މިއަދު ދުވާލުވެސް އޭނާ ހޯދުމުަށް ކަނޑުއަޑިން ދެ ޑައިވްއެއް ކުރެވި، ސަރަހައްދުން މީހާ ފެނޭތޯ ބަލާފައިވާނެ ކަމަށް މުޖްތަބާ ވިދާޅުވިއެވެ. އަދި ކޯސްޓް ގާޑު ތިން އުޅަނދެއް އެ ސަރަހައްދުން ހަރަކާތްތެރިވަމުންދާނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކޯސްޓްގާޑްގެ އުޅަނދެއް - ފޮޓޯ: އެމްއެންޑީއެފް
ކޯސްޓްގާޑްގެ އުޅަނދެއް - ފޮޓޯ: އެމްއެންޑީއެފް

އަދި ހެލިކަޕްޓަރުވެސް އެ މީހާ ހޯދުމުގެ މަސައްކަތަށް ފުރުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވައިގެ މަގުން ގާތްގަނޑަކަށް 120 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިއަދު ބަލާ ގޮތާށް ހަމަޖެހިފައިވާކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ދެގަޑިއެއްހާއިރުގެ ސާރޗެއް ކުރާނެ، އެ ނެޗުރަލް އަތޮޅުގެ އެބައިކޮފޮށްފައި ތިންބައި ސަރަހައްދެއް އެ ވައިގެ ސަރަހައްދުން ބަލާނެ. ވައިގެ ސަރަހައްދުން ބޮޑަށް މި ބަލަނީ މީހާ ސާފޭސްގައި ފްލޯވާ ކަމުގައި ވަންޏާ ފެންނާނެ. ނޫނީ ވިލެއް ކަހަލަ ތަނެއްގައި އަޑީގައި އޮތިއްޔާވެސް ވައިގެ މަގުން ބަލައިގެން ފެންނާނެތޯ. މުޖުތަބާ ވިދާޅުވިއެވެ.

އަދި މުޖުތަބާ ވިދާޅުވީ، ގެއްލުނު ޑިންގީވެސް ނުފެންނަ ކަމަށާއި، އެ ހޯދުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ ޑިންގީ - ފޮޓޯ: އެމްއެންޑީއެފް

"އަޅުގަނޑު މި ބަލަނީ ޑައިވްތައް ނިމޭއިރު، މީހާ ނޫނީ ޑިންގީވެސް ފެންނާނެ ކަމަށް". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. މާރެސް

  އާސަންދަ ލިބިގެން މާލެއަށް ދެވޭނީ ރަށުގައި ތިބޭ ޑޮކްޓަރުން ވާނުވާނޭގި އެތައްބޭހެއްކޮށް ދެން ފުރާނަ ސަލާމަތް ނުވާ ހިސާބަށް ދިޔައިމަ.
  ހެލިކަޕްޓަރ ދާނީ ކަނޑުވެފައި އޮންނަ އިންސާނެއް ވަރުބަލިވެ އެމީހަކު ފެންމަތީގައި ހިފެހެއްޓޭނެކަމަށް ލަފާ ކުރެވޭ ވަގުތު ފާއިތުވީމާ.
  މިގޮތަށް ކަންކުރީމާ އެތައް ޚަރަދެއް ހިނގައި ނަތީޖާ ހާސިލްނުވެ ނިމިގެން ދަނީ..
  ކޯސްޓް ގާޑުން 5ގަޑި އިތުން ހޯދޭނެ ހޯދުން ހެލިކަޕްޓަރުން 5 ނުވަތަ 10 މިނެޓްތެރޭ ހޯދޭނެ.
  އެއީ ރާއްޖެއަށް ހަދިޔާ ކޮށްފައި އޮތް ހެލިކަޕްޓަރެއް. ޢެމީހުން އިންޑިޔާއިން ހުއްދަލިބެންދެން މަޑުކުރާކަށް ނުޖެހޭނެ. ޢެއީ ލަސްވާ ސަބަބުކަމަށް ވަންޏާ އެކަން ހައްލުކުރޭ.

  5
  1