ރައީސް ޔާމީން ސަރުކާރުގެ ދެވަނަ ނައިބު ރައީސް، އަޙްމަދު އަދީބު، ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 18 ދުވަހަށް ޖަލު ހުކުމް ތަންފީޒުކޮށް މިރޭ ނިމޭނެ ކަމަށް އަދީބުގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އެ މައްސަލާގައި އަދީބު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މަހްފޫޒް ސައީދު ވިދާޅުވީ، އަދީބުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމޭނީ މިރޭ 00:00 ގެ ނިޔަލަށް ކަމަށެވެ.

މަހްފޫޒް ވިދާޅުވީ، އަދީބުގެ މައްޗަށް އިއްވި އެ ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް، މިފަހުން އަދީބުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ކާދައުވާތަކާއި ގުޅިގެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ އޭނާ މިނިވަން ނުވާނެ ކަމަށެވެ.

އަދީބު ޖަލަށްލާން ހުކުމްކޮށްފައިވީނަމަވެސް، އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން އަދިވެސް ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ޕީޖީން ވަނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއްކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.އެ ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.