މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރިކަލުން، އިބްރާހިމް ސިޔާދުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދު އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ސިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވާ ނިމުމުން، އިބްރާހިމް ސިޔާދުއަށް ދައުވާ ސާފުވެއްޖެތޯ ގާޒީ އެއްސެވުމާއެކު، ސިޔާދުގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާ، މި މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެތޯ ސުވާލު ކުރައްވާފައެވެ.

ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރ އައިޝަތު ނިޝާ ވަނީ އެފަދަ ކަމަކަށް ކޯޓުގައި އެދިފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ދިފާއީ ވަކީލުން ވަނީ އިތުރު އިޖުރާއީ ނުކުތާއެއް ނަންގަވާ، މައްސަލަ ބައްލަވާ ގާޒީ ބަދަކޮށްފައިވަނީ ކޮން އުސޫލަކުންތޯ މައްސަލަ ބައްލަވާ ގާޒީ ހައިލަމްގެ އަރިހުން ސުވާލު ކުރައްވާފައެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ބ) އާއި 55 ވަނަ މާއްދާގެ (ބ) އާއި ހިލާފަށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ.

އެއާއި ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ 52 ވަނަ މާއްދާގެ ދަށުން ކަމަށާއި އެހެންކަމުން މައްސަލަ ކުރިއަށް ގެންދެވޭނެކަމަށެވެ. ނަމަވެސް ސިޔާދު ޤާސިމްގެ ދީފާއީ ވަކީލުން ތިންވަނަ ފަހަރަށް އިޖުރާއީ ނުގުތާއެއް ނަންގަވައި، އިޖުރާއަތުގެ 52 ވަނަ މާއްދާގެ ދަށުން ގާޒީ ބަދަލުކުރައްވާފައިވީ ނަމަވެސް ފަނޑިޔާރު ބަދަލުކުރި ސަބަބު ދައުވާ ހުށަހަޅާ ފަރާތަށާއި، ދައުވާ ރައްދުވާ ފަރާތަށް ކޯޓުން އަންގަންވާނެކަމަށް ބުނެ މައްސަލަ މިގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައެވެ. ނަމަވެސް މިފަހަރު ގާޒީ ހައިލަމް ވިދާޅުވީ، މައްސަލަ ބަލާ ގާޒީ ބަދަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުން ގާޒީން ބަދަލުކުރުމުގައި ޢައްމުކޮށް އަމަލުކުރާ އުޞޫލުން ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞުލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި ދައުވާ ސިޔާދު ޤާސިމަށް ސާފު ވެލައްވައިފިތޯ ގާޒީ އެއްސެވިއެވެ. ގާޒީ ސިޔާދު ޤާސިމަށް ދައުވާ ސާފުވެލައްވައިފިތޯ އެއްސެވުމާއެކު، ސިޔާދުގެ ދިފާއީ ވަކީލު ހިސާން ހުސައިން ވަނީ އިތުރު އިޖުރާއީ ނުކުތާއެއް ނަންގަވާ މިކަމާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ. ހިސާން ވިދާޅުވީ، މައްސަލަ ބަލާ ގާޒީ ބަދަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ 52 ވަނަ މާއްދާގެ ދަށުން ކަމުގައިވީނަމަވެސް، ސަބަބު ދެފަރާތަށް އެންގުމަކާ ނުލާ މައްސަލަ ކުރިއަށް ގެންދާކަމަށްވާނަމަ، އެ ކުރިއަށް ގެންދެވެނީ، ސީދާ ޖިނާއީ އިޖުރާއަތުގެ 52 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި އެގޮތަށް މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށާއި، އެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށް ޝަރީއަތް މެދުކަނޑާލެއްވުން އެދޭކަމަށެވެ.

އިތުރަށް ހިސާން ވިދާޅުވީ، މައްސަލަ ބައްލަވާ ގާޒީ ބަދަލު ކޮށްފައިވާ ސަބަބާމެދު ދައުވާ ރައްދުވާ ފަރާތުން ސުވާލު އުދައްދާ ހާލަތެއްގައި ހައި ކޯޓަށާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށްވެސް ދިއުމުގެ ފުރުޞަތު މުވައްކިލަށް ލިބިގެންވާ ކަމަށާއި، އިޖުރާއަތު ފުރިހަމަ ނުކޮށް މައްސަލަ ކުރިއަށް ގެންގޮސްފިނަމަ، އެ ހައްޤު މުވައްކިލުގެ ކިބައިން ނިގުޅައިގަނެވިގެންދާނެ ކަމަށެވެ.

ސިޔާދުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑު އެހުން ގާޒީ ނިންމަވާލެއްވީ، ސިޔާދުގެ ދިފާއީ ވަކީލުން އިޖުރާއީ ނުކުތާ ނަންގަވާ ފާހަގަކުރި ކަންކަން ފުރިހަމަ ކުރުމަށްފަހު، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިޢުލާނު ކުރެއްވުމަށް ފަހުގައެވެ.

މި މައްސަލައިގެ ލިޔުންތައް ސިޔާދު ޤާސިމާއި ހަވާލުކުރިއިރު މި މައްސަލަ ބައްލަވާގޮތަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޝަހީދުއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، މ.މާފަންނުވިލާ އިބްރާހިމް ސިޔާދު ޤާސިމްގެ މައްޗަށް ދައުލަތުން ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ، ސިޔާދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން 2018 ފެބުރުވަރީ 6 ވަނަ ދުވަހު ހަސަން ސައީދުގެ ކޮޓަރި ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ކަޅު ފޮށިން ފެނުނު ލިޔެކިޔުންތަކަށް ބެލި ބެލުމުންނާއި، ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ސިޔާދުގެ ބައްޕަ ގާސިމް އިބްރާހިމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ބުނެފައިވާތީ، އެ ކަޅު ފޮށިން ފެނުނު ފައިސާގެ މުއާމަލާތަތަކުގެ އަސްލަކީ ހުކުމުގެ މުޤާބިލު ކަމުގައިވާތީ ސިޔާދު ރިޝްވަތު ދީފައިވާކަން އެނގެން އޮނާނާތީކަމަށް މިއަދުގެ ޝަރީއަތުގައި ދައުވާ އުފުލަމުން ދައުލަތުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑާކު

    އެސޮރު ޖަލުގައި ބާއްވަން އެމްޑީޕީން ރާވައިގެން ކުރާކަމެއްތީ، ދެން ކޮން އިޖުރާތެއް. ދެންބަލާ ދެން އަޑުއެހުމެއް ބާއްވާނީ 2 މަސް ފަހުން. ތީ ޤާސިމަށް ލަނޑު ދޭންވެގެން ހިސާނުމެން ރާވައިގެން ކުރާކަމެއް. އެސޮރު ރަނގަޅަށް އަޑުއިވުނުކަމަށް ބުނަން އަނގަހުޅުވާއިރަށް އަނގަ ބަންދުކުރެއޭ މިދެމީހުން.