ކ.މާފުށީގައި ހުންނަ ރިމާންޑް ޖަލުގައި ހިނގަމުންދާ ކަންކަމާއި ބެހޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައި ވަނީ ދޮގު މައުލޫމާތު ކަމަށް ޖަލުތަކުގެ ހާލަތާއި އެތަންތަނުގެ ކަންކަން ހިނގާގޮތް ހޯމް މިނިސްޓަރަށް ރިޕޯޓު ކުރުމަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސްޕެކްޓަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދު މިކަން ހާމަކޮށްފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެެވެ. އޭނާގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ މާފުށީ ޖަލުގައި ގައިދީން ފާޅުކުރަމުންދާ ހިތްހަމަ ނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަލު ބަލަހައްޓާ އޮފިސަރުންނާއި، ގައިދީންނާއި ދެމެދު ހަމަނުޖެހުން ތަކެއް ހިނގާފައި ވާކަމަށާއި، އެ ހަމަނުޖެހުން ތައް ނުހުއްޓުވުމުގެ ސަބަބުން ޖަލު އޮފިސަރުން ވަނީ ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ.

މިކަމުގައި ފުލުހުން ވެސް ހަރަކާތްތެރިވެފައިވާ ކަމަށް ވެއެވެ. އަދި ޖަލުގަި އިއްޔެ ހިނގި ހަމަނުޖެހުމުގެ ތެރެއިން ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުންވެސް ފުލުހުން އެތަނުގައި ތިބޭ މަންޒަރު ފެނެއެވެ.

އެހެން ނަމަވެސް ފުލުހުންނާއި ކަރެކްޝަނުން ވަނީ އެއްވެސް އަދަބެއް ދިނުމަށް ޖަލަށް ޒިޔާރަތް ކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މާފުށީ ޖަލަށް ވަދެ އެތަނުގައި ތިބި ގައިދީންގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުން ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނޭ ކަމަށެވެ. އަދި މާފުށީ ޖަލަށް ގޮސްފައި ވާނީ ބައްދަލުވުމަކަށް ކަމަށާ އެފަދަ އެއްވެސް އޮޕަރޭޝަނެއް ކުރިއަށް ނުދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކަރެކްޝަން އިން ވިދާޅުވީ، މިއަދު ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް ރިމާންޑުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ޖަލަށް ޒިޔާރަތް ކުރި ކަމަށެވެ.

އަދި މާފުށި ޖަލުގެ ހަމަނުޖެހުން ހިންގި ރިމާންޑް ޖަލުގައި ތިބޭ މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިއުމާއި، ބޭސްފަރުވާގެ އިންތިޒާމްތައް އެ މީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ. އަދި މިއީ ކަރެކްޝަންސް އިންވެސް ކަންބޮޑުވާކަމެއް ކަމަށް ކަރެކްޝަން އިންވެސް ވިދާޅުވިއެވެ.

ކަރެކްޝަން އިން ވިދާޅުވީ، ރިމާންޑުގައި ތިބި މީހުންނާއި ޖަލު އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަަމަަށެވެ.

އެހެން ނަމަވެސް މާފުށި ޖަލުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި، މާފުށި ޖަލުގައި ގޮޅިއެއްގައި ތިބި ބައެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައި ވަނީ ޖަލު އޮފިސަރުންނާއި، އެސްއޯ ފުލުހުން ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ގޮސްގެން ކަމަށް ޖަލުން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ކަރެކްޝަނަލް ސާވިސްގެ ހަވާލުގައި ތިބި ބައެއް މީހުންގެ ގަޔަށް މިއަދު ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ މާފުށި ޖަލުގައި ހުރި ހަތަރު ނަމްބަރު ގޮޅީގައި އޮފިސަރުންނާއި ގައިދީންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

އެ ހަމަނުޖެހުންތުގައި ބަޔަކަށް އަނިޔާވެފައި ވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިތާމަ

    ދޮގު މަޢުލޫމާތު ދިން މީހުން ދެންޖެހޭނީ އިސްތިއުފާ ދޭން. އާންމުންނަށް ދޮގުމަޢުލޫމާތު ދީގެންނުވާނެ. ކަންކަން ހިނގަނީކީ ވަކިކަމެއްވެގެނެއްނޫނޭ ކަމެއްވެގެނޭ މިހެނެއްނޫން. ސަބަބުވެސް އޮންނާނެ. އެހެންސީދާ ނުބުންޏަސް ހިނގިކަމަށް ބުނެވޭނެ

  2. ސަގަރު

    ތިޔަތަނުން ތެދުހަދަނީ ކާކުތަ؟ ރައްޔިތުންނަށް ތެދެއްބުނެގެން ކަމެއް ސާފު ނުކޮށްދޭތި

  3. ޟނ

    ދޮގުވެރިކަމުން ފަޅާހެދޭނީ ދޮގު ގަސް ދޯ