އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ އަންނަން ފަށައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކޮޗިން އެއާޕޯޓުގައި ދިވެހިންގެ ތިން ގްރޫޕެއް ވަނީ ތާށިވެފައެވެ. އެ ގްރޫޕުތައް ތާށިވެފައިތިބީ ފްލައިޓުތައް ޑިލޭވެގެން ކަމަށް މައުލޫމާތު ލިބެއެވެ. ރޭ ފަތިހު އެއާޕޯޓަށް ދިޔަ ގޮތަށް ގިނަ ބަޔަކު ކޮޗިން އެއާޕޯޓުގައި ތާށިވެފައި ތިބި ނަމަވެސް މިހާރު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

ރަންވޭގެ މަސައްކަތަށް ރޭގަނޑުގެ ވަގުތުތަކުގައި، ރަންވޭގެ ބައެއް ބަންދުކުރުމުން ފުލައިޓްތައް ރޭގަނޑު ނުޖައްސައެވެ. އަދި ދުވާލުގަޑީގަ ފުލައިޓްތައް ޖައްސާއިރު، މި ދުވަސް ވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށް ވުމުން، ބައެއް ފުލައިޓްތަކަށް ބޮޑެތި ޑިލޭތައް އަންނަމުންދެއެވެ.

މޯލްޑިވިއަން އިންވެސް ބުނެފައިވަނީ ފުލައިޓްތައް ޑިލޭވަމުން ދަނީ މި ދުވަސްވަރުގެ ގޮތުން ކަމަށެވެ. އަދި ޑިލޭވާ މައިގަނޑު ސަބަބަކީ އެއާޕޯޓުގެ ބާރުބޮޑުވުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.