ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސްފަސްގަނޑު ސަރަހައްދު ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހިތްހަމަ ޖައްސާލެވޭނެ ތަނެއްގެ ގޮތުގައި ކަަމަށާއި، އަދި އެތަން ތަރައްގީ ކުރާނެ ގޮތަކާއި މެދު ޕްލޭނެއް ނެތް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަޟުން ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސަރަހައްދު މިހާރު ދަނީ ޗައިނާގެ ސީސީސީސީ ކުންފުންޏާއި ހަވާލުކޮށްގެން ސާފުކުރަމުން ކަމަށެވެ.

އަދި އެމިނިސްޓްރީ އިން ވިސްނަމުން ދަނީ އެސަރަހައްދަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ހިތްހަމަ ޖައްސާލުމަށް ޒިޔާރަތް ކުރެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމަށް ޕްލޭނިން މިނިސްޓްރީ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް އެތަނުގައި އެެއްވެސް ކަހަލަ ޕާކެއް އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

"މިހާރު މި މިނިސްޓްރީގެ ބެލުމުގެ ދަށުން ޗައިނާގެ ސީސީސީސީ ކުންފުންޏާއި ހަވާލުކޮށްގެން މިގެންދަނީ އެސަރަހައްދު ސާފުކުރަމުން. އެހެން ނަމަވެސް އަދި ތަނުގެ ކޮންސްޓްރަކްޝަން ޕްލޭނެއް ނެތް ކުރެވިފައެއް" ޕްލޭނިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ބްރިޖް އެޅުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެ ސަރަހައްދު ބޭނުންކޮށްފައި ވަނީ ބްރިޖް އެޅުމުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ މުވައްޒަފުން ތިބުމަށެވެ. ބްރިޖްގެ މަސައްކަތް އެއްކޮށް ނިމި ބޭނުން ކުރަން ފެށުމާއި އެކު މިއަހަރު ތެރޭގައި އެމީހުން ވަނީ އެބިން ހުސްކޮށް އެ ސަރަހައްދު ސަރުކާރާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާކާ

    ކާޅު ކޮށި އަޅާ ކާޅުގެންގުޅޭ ތަނަކަށް ހަދަން ފެނޭ!

    16
  2. ޖައުފަރު

    ރީނދޫ ބައިގަނޑުގެ ސިހުރު ޖަގަހަ

  3. ނަޖްވާ

    އެ ސަރަޙައްދުގަ ސުވިމިންގ ޕޫލެއް އެޅާ ވާހަކަ އެއް ކުރިން ދެކެވުނުހެން ހީވޭ! އެއީ ހަޤީޤަތެއްބާ ނޫނީ ހަމަ އަނެއްހެން ދައްކާލި ވާހަކައެއްބާ!