ޖަލުތައް އިސްލާހު ކުރުމުގެ މަސައްކަތް އެންމެ ރަނގަޅަށް ހިންގަމުންދާ ކަމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް މިއަދު ވިދާޅުވިއިރު، މާފުށި ޖަލުގައި ގައިދީންނަށް އަނިޔާ ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމާއި ގުޅޭގޮތުން ކަރެކްޝަނަލް ސާވިސް އިން މާބޮޑު ވާހަކައެއް ދައްކާފައިނުވާއިރު، ހޯމް މިނިސްޓަރަށް ރިޕޯޓު ކުރުމަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސްޕެކްޓަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވަނީ މާފުށި ޖަލުގައި ހަމަނުޖެހުންތަކެއް ހިންގަމުންދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ، ޖަލުތައް އިސްލާހް ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަމަށްވާއިރު، އެ މަސައްކަތް އެންމެ ރަނގަޅަށް ހިންގަމުންދާ ކަމަށް ނުފެންނަ ކަމަށެވެ.

"ޖަލުތައް އިސްލާހް ކުރުމަށްޓަކައި ޖަލު ހިންގުމަށް ގާބިލް އަދި ޕްރޮފެޝަނަލް، މީހުން އިސްކުރަން ޖެހޭ ކަމަށް ދެކެން". އަލީ ހުސައިން ވިދާޅުވިއެވެ.

ޖަލުތަކުގައި ގައިދީން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އިންސްޕެކްޓަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީން ފާޅުކުރަމުންދާ ހިތްހަމަ ނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަލު ބަލަހައްޓާ އޮފިސަރުންނާއި، ގައިދީންނާއި ދެމެދު ހަމަނުޖެހުން ތަކެއް ހިނގާފައި ވާކަމަށާއި، އެ ހަމަނުޖެހުން ތައް ނުހުއްޓުވުމުގެ ސަބަބުން ޖަލު އޮފިސަރުން ވަނީ ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ.