މިދިޔަ ހަފްތާއިން ފެށިގެން މާފުށި ޖަލުގައި ހިންގަމުންދާ ހަމަނުޖެހުންތަަކާއި ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މާފުށި ޖަލަށް ޒިޔާރަތްކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މާފުށި ޖަލުގައި ހަމަނުޖެހުންތަކެއް ހިންގާފައިވާކަމަށް މީޑިއާގައި ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެން އެންއައިސީން މާފުށި ޖަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި ރިމާންޑް ބަންދުގައި ތިބި މީހުން ހިތްހަމަނުޖެހިގެން ހަމަނުޖެހުންތައް ހިންގަމުން ދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ. އެ މީހުން ހަމަނުޖެހުން ހިންގީ ބަންދުގެ މުއްދަތު ދިގުދެމިގެން ދިއުމާއި ބޭސްފަރުވާގެ އިންތިޒާމް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށް ކަރެކްޝަންސް އިން ވަނީ ވިދާޅުވެފައެެވެ.

ފަހަކަށް އައިސް ޖަލުތަކުގެ ހާލަތު ގޯސްވެ ގައިދީން ހަޅުތާލު ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ބައެއް ގައިދީން ހަޅުތާކު ކުރުމުގެ ގޮތުން ބަނޑަށްވެސް ތިބެއެވެ.

އެހެން ނަމަވެސް ކަރެކްޝަންސް ވިދާޅުވަމުން ގެންދަނީ މާފުށި ޖަލުގައި ހަމަނުޖެހުން ނުހިނގާ ކަމަަށެވެ. އެކަން ދޮގުކޮށް ޖަލުތަކުގެ ހާލަތާއި އެތަންތަނުގެ ކަންކަން ހިނގާގޮތް ހޯމް މިނިސްޓަރަށް ރިޕޯޓު ކުރުމަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސްޕެކްޓަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީން ފާޅުކުރަމުންދާ ހިތްހަމަ ނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަލު ބަލަހައްޓާ އޮފިސަރުންނާއި، ގައިދީންނާއި ދެމެދު ހަމަނުޖެހުން ތަކެއް ހިނގާފައި ވާކަމަށާއި، އެ ހަމަނުޖެހުން ތައް ނުހުއްޓުވުމުގެ ސަބަބުން ޖަލު އޮފިސަރުން ވަނީ ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ.