ގައުމީ ވޮލީ ލީގް ފަހު މެޗުގައި ރޭ ޕޮލިސް ކްލަބް އަތުން 3-2 ސެޓުން ބަލިވި ނަމަވެސް ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭގެ މެޗުން ސިފައިންނަށް ލީގު ގެއްލެން އޮތީ އެ މެޗު ފަސް ސެޓަށް ނުގޮސް ޕޮލިސް މޮޅުވި ނަމަ އެވެ. ސިފައިން އެއް ވަނަ މަގާމުގައި ލީގް ނިންމާލީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޕޮލިސް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ އިއްޔެ ހަވީރު ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވި ގުޑީސް ސްޕޯޓްސް ކްލަބް އެވެ. ގުޑީސް އަށް ވަނީ 14 ޕޮއިންޓް ލިބިފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 23-25، 26-24، 24-26، 28-26 އަދި 11-15 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ސިފައިން ރަނގަޅު ލީޑެއްގައި އޮތެވެ. ނަމަވެސް ސެޓުގެ މެދުތެރެއިން ނަތީޖާ އެއްވަރުކޮށް ފަހަތުން އަރައި ޕޮލިހުން ވަނީ މި ސެޓު ކާމިޔާބުކޮށްފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ޕޮލިސް އިން ދަމަހައްޓަމުން ދިޔަ ލީޑު އަނބުރާލީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށެވެ. ލޯންގޭ ޖެހިޖެހިގެން ކުރި މޮޅު ތިން ސާވިސްއާ އެކު ސިފައިން ވަނީ ދެ ވަނަ ސެޓު 26-24 އިން ގެންގޮސްފަ އެވެ.

މެޗުގެ ތިން ވަނަ ސެޓު 24-26 އިން ޕޮލިސް ގެންދިޔަ އިރު ހަތަރު ވަނަ ސެޓު ލިބުނީ ސިފައިންނަށެވެ. ސިފައިން މި ސެޓު ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 28-26 އިންނެވެ. ދެ ސެޓު ލިބުމާ އެކު ސިފައިންނަށް ޗެމްޕިއަންކަން ލިބުމުން ކުޅުންތެރިންނާއި ކޯޗުން ކޯޓު މައްޗަށް އަރައި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

މެޗުގެ ނަތީޖާ ނެރެން ފަސް ވަނަ ސެޓެއް ކުޅުނު ނަމަވެސް ދިޔައީ މާބޮޑު ފޯރިއެއް ނެތި އެވެ. ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިސެޓު 11-15 އިން ގެންގޮސް ޕޮލިސް ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ އާދަމް ނަސީމު (އެޑަމް) އެވެ. އެންމެ އުންމިދީ ކުޅުންތެރިއަކަށް ހިވުނީ ގުޑީސްގެ ޝަމާއީލް ހުސައިން އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންނަށް ތަށި ހޯދައިދިން ކޯޗް މުންތާޒު އަލީ އެވެ. ފެއާޕްލޭ ޓީމަކީ ސިފައިން އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ސިފައިންގެ ލޯންގޭ އާއި ޝާޑު އަދި ނަބީލްގެ އިތުރުން ޕޮލިހުގެ ހުޒަންޓެ އާއި ކުޑަކާއްޓެ އަދި ހުސެއިން ޔޫސުފް އަދި ގުޑީސްގެ އާދަމް ފައިރޫޒް އެވެ.