މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމަށާއި އެހެންކަމުން އެދައުވާ އަނބުރާ ގެންގޮސް އެ ޝަރީޢަތް ހުއްޓާލުމަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެެރެލަށް ގޮވާލާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އަޒްރާގެ މައްޗަށް ދައުވާ ކުރަނީ ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުންނެވެ. ދައުލަތުން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އަޒްރާގެ މައްޗަށް ދައުވާ އުފުލާފައެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނީ "27 ފެބްރުއަރީ 2018 ވަނަ ދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެން ކައުންސިލަރު އަޒްރާގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމުގައި މި ޕާޓީން ދެކެމެވެ. އަދި އެ މުޒާހަރާ ހުއްޓުވައި ޤާނޫނާ ޚިލާފަށް ފުލުހުން ހުރަސްއަޅާފައިވާތީއާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރެލްއަށް ޤާނޫނުން ލިބިދޭ ބާރުތަކުގެ ބޭނުންކުރައްވައިގެން ބެއްލެވުމަށް ގޮވާލަމެވެ."

އެމްޑީޕީ އިން ބުނީ ޤާނޫނު އަސާސީއާ ޚިލާފަށް ދައުލަތުން ހިންގާ ކަންކަމާ އިހްތިޖާޖްކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހިނދު، އެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ އާންމު ރައްޔިތުންނާއި އަޒްރާ ފަދަ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ކުރަމުން އަންނަ އަގުހުރި މަސައްކަތް ފާހަގަ ކުރާކަމަށެވެ.

އަޒްރާއަކީ އިސްލާޙީ ޙަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި މަަސައްކަތް ކުރައްވާ ހިތްވެރުގަދަ ކައުންސިލަރެއް ކަމަށާއި އަދި މިފަދަ ސިޔާސީ ދައުވާތަކުން ބިރުދައްކުވައިގެން އަޒްރާގެ އިސްލާޙީ މަސަައްކަތަށް ކުޑަބަދަލެެއްވެސް ނުގެނުވޭނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން އަޒްރާގެ މައްޗަށް ދައުވާކުރުމަށް ފޮނުއްވާފައިވާ މައްސަލަ އަނބުރާ ގެންދެވުމަށް ޕްރޮސެކިއުޓާ ޖެނެރެލް ޢާއިޝަތު ބިޝާމަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުއްލާ

    އެއީ ކޮންކުލައެއް ރީނދޫކުލަތަ ؟ އެހެންވިއްޔާ ކުރަންޖެހޭނެ.

  2. ޙަސަން

    ރީނދޫކުލަ ޖެހިފައި ހުރި އެއްޗެއް ވިއްޔާ ކުށެއް ނުކުރާނެ. އެކަމަކު އުޅޭނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހަކަށް ތަބާވެގެން އެމީހާގެ ފަހަތުގައި.

    • އ

      ތިހެން ބުނާކަށް ނުވާނެނު

  3. މިގޭ

    މީދެން ބޮޑުވަރު . ކައުންސިލަރަކަށްވާހިސާބުން ހިތަށްއަރަނީ މިއާދެވުނީ ސިދުރަތުން މުންތަހާއަށޭ. ހިތައި ގަވާއިދެއް ޤާނޫނެއް ނުބަލާނެ. މޮޔަވޭ ؟