ހުޅުމާލެ ކޯޓު ހިމެނޭ އިމާރާތް ފޮޓޯ: ފްލިކާ
ހުޅުމާލެ ކޯޓު ހިމެނޭ އިމާރާތް ފޮޓޯ: ފްލިކާ

ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއްތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލްކޮށްފި އެވެ.

މިމައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަހުމަދު މުއުތަސިމް އަދުނާނާއި އަލީ ހަމީދު މުހައްމަދާއި އަބްދުﷲ ސައީދާއި އަބްދުﷲ އަރީފް ގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އެވެ.

ހުޅުމާލޭ ކޯޓުގެ މައްސަލަ ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 00: 2 އަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދައުވާލިބެނީ އެ މައްސަލަ ސިވިލް ކޯޓަށް ކުރިން ހުށަހެޅުއްވި ގާނޫނީ ވަކީލް އިސްމާއިލް ވިޝާމަށެވެ. އެ މައްސަލައިގައި ދައުވާ ކުރާ ފަރާތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ.

މަޝްހޫރު ގާނޫނީ ވަކީލު އިސްމާއިލު ވިޝާމު ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާ ސްޕްރީމު ކޯޓަށް ގެންގޮސްފައިވަނީ އެމައްސަލަ ދަށު ކޯޓުގައި ނުބެލޭނެ ކަމަށް ބުނެ ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާއަކާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އެ މައްސަލައިގެ ފައިލް ފޮނުވުމަށް ވެސް ސިވިލް ކޯޓަށް ކުރިން އަންގައިފަ އެވެ. މީގެ އަހަރު ދުވަސް ކުރިން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ކުރިއަށް ނުގެންދެވި އޮތީ ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން މައްސަލަ މަޑުޖައްސާލަން އެންގުމުންނެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތުގައި ނަޝީދުގެ ވަކީލުން ވެސް ވަނީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައި އިޖްރާއީ ނުކުތާތައް ނަގާފަ އެވެ.

އެހެންކަމުން  އެ ނުކުތާތައް އިސްތިއުނާފް ކުރުމަށް ނަޝީދުގެ ވަކީލުން ވަނީ ހައި ކޯޓަށް ހުށަހެޅުމުން، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ހުޅުމާލެ ކޯޓުގައި ކުރި ދައުވާ ކުރިއަށް ނުގެންދަން ހައި ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.

ADS BY SHEESHA

ނަމަވެސް ހުޅުމާލޭ ކޯޓުގެ ސައްހަކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ހައި ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓަށް އަންގައިފަ އެވެ.

Comments are closed.