ހުޅުމާލޭގައި އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތަށް ބޭނުންވާ ފްލެތްތަކުގެ އިންސްޕެކްޝަންއެއް ހައުސިންގް މިނިސްޓްރީއިން ފަށައިފިއެވެ.

އެޗްޑީސީއާ ގުޅިގެން އިއްޔެ ފެށި މި އިންސްޕެކްޝަން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މި ފްލެޓްތަކުގެ ތެރެއިން އެއްވެސް ފްލެޓެއްގައި މައްސަލައެއް އުޅޭނަމަ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން މަރާމާތުކުރުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިނިސްޓްރީއަށް ހުށައެޅުމަށް އެދޭ ކަމަމަށެވެ.

މި ފްލެޓްތަކުގައި ދިރި އުޅޭ ބައެއް ފާރާތްތަކުން ހުށައަޅައިފައިވާ މައްސަލަތަކަށް ބަލާއިރު ފާރުގައި ރެނދު ލާފައިވާ މައްސަލައާއި ފެން ލީކްވާ މައްސަލަތަކާ އަދިވެސް އިތުރު ބައެއް މައްސަލަތައް ހުށަހަޅާފައިވެއެވެ.

މިފަދަ ޝަކުވާތަކާ ގުޅިގެން މީގެކުރިން މިދިޔަ މެއި މަހުގެ ތެރޭގައިވެސް މިނިސްޓްރީން މައްސަލަތައް ހުރި ބައެއް ތަންތަން ބަލާފައިވާ ކަމަށާއި މިހާރު ކުރިއަށްދާ އިންސްޕެކްޝަންތަކުގައިވެސް އެތަންތަން އަލުން ބަލަމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ކުރިން ބެލި ތަންތަން އަލުން ބަލަންޖެހުނީ އެ ތަންތަނުން އަނެއްކާވެސް ޝަކުވާތަކެއް ލިބިފައި ހުރުމުން ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

ފާއިތުވި އަހަރުތެރޭގައިވެސް ފްލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކުރިޔަށް ގޮސްފައެވެ. މަރާމާތު ކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީ އާ ގުޅިގެންނެވެ..

މި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެެވެ.