ކ. މާފުށި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނަގަން މުއްދަތެއް ދީފިއެވެ.

މާފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

އެގޮތަށް އަންގާ މުއްދަތެއްގެ ގޮތުގައި އެ ކައުންސިލުން ދީފައި ވަނީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރެވެ.

ކައުންސިލްގެ އެ އިއުލާނުގައި ވަނީ، މުއްދަތު ހަމަވުމުން ނުގެންގޮސްހުރި ސަފާރީތައް ކައުންސިލްގެ ފަރާތުން އެސަރަހައްދުން ނަގައި، އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށެވެ. އަދި އެކަމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް އެރަށު ކައުންސިލުން ވިދާޅުވިއެވެ.